މި އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިފްތިތާހުކޮށްދެއްވި ”ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ“ ދަށުން، އެއް މިލިއަން ގަސް އިންދުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އިން ފަށައިފިއެވެ.
ތިލަފުށީގައި ވިޔަފާރި ބަނދަރު އެޅުމަށް ހަމަޖައްސާފައިވާ ސަރަހައްދުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހް އިބްރާހީމް ވަނީ އެއް މިލިއަން ގަސް އިންދުމުގެ ޕްލެޖްގައި ސޮއިކުރައްވައި، އެންވަޔަރަމަންޓް މިނިސްޓަރު ޠާރިޤު އިބްރާހީމަށް ޕްލެޖްގެ ލިޔުން ހަވާލުކުރައްވައިފައެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ވަޖީހު ވިދާޅުވީ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ރާއްޖޭގެ ތިމާވެށި އަންނަން އޮތް ޖީލުތަކަށް ހެޔޮ ގޮތުގައި ދަމަހައްޓައި، ގަސްގަހާ ގެހި ރައްކާތެރިކޮށް އިތުރުކުރުމުގެ މުހިންމުކަން ދެނެގަނެ ސަރުކާރުން ފެށި މުހިންމު ޕްރޮގްރާމެއް ކަމަށާއި މި މަސައްކަތުގައި އެމްޕީއެލްގެ ހުރިހާ ޑިޕާޓްމަންޓުތަކާއި ރީޖަނަލް ޕޯޓުތަކުން ވެސް ބައިވެރިވާނެ ކަމަށެވެ.



