ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ކާޖޮލް އަބަދުވެސް ފާހަގަ ކުރެވިފައިވަނީ އޭނާގެ އަމިއްލަ ދިރިއުޅުމާ ބެހޭގޮތުން މާގިނަ ވާހަކަތަކެއް ހިއްސާ ނުކުރާ އެކްޓްރެސެއްގެ ގޮތުގައެވެ. އެގޮތުން އެހެންތަރިން ފަދައިން އޭނާ އަމިއްލަ ދިރިއުޅުމުގައި ކުރާ ކަންކަމާއި، ދާތަންތަނާއި އަދި އެނޫންވެސް ކަންކަން ސޯޝަލް މީޑިއާގައި ވެސް ހިއްސާ ކުރާތަނެއް ނުފެނެއެވެ. އޭނާއާއި ބެހޭގޮތުން ނުވަތަ އޭނާގެ އާއިލާއާ ބެހޭގޮތުން ވެސް ފެތުރޭ ވާހަކަތަކަށް ރައްދުދީ އެއަށް މާބޮޑު ސަމާލުކަމެއް ދޭތަނެއް ވެސް ނުފެނެއެވެ.
ނަމަވެސް ދާދިފަހުން ކާޖޮލް ވަނީ އިންޑިއާގެ ނޫހަކަށް އޭނާގެ މައިންބަފައިންގެ ކައިވެންޏާ ބެހޭގޮތުން ބައެއް ވާހަކަތައް ހިއްސާކޮށްފައެވެ.
އެގޮތުން ކާޖޮލް ބުނީ އޭނާގެ އުމުރުން އެންމެ ހަތަރު އަހަރާއި ބައިގައި އޭނާގެ މައިންބަފައިން ވަރިވި ކަމަށެވެ. މައިންބަފައިން ވަކިވުމުން އެއިރު ވަރަށް ދެރަވެ، މާޔޫސްވެ، ހާސްވިކަމަށް ވެސް ކާޖޮލް ބުންޏެވެ. ސަބަބަކީ އޭނާގެ އެއިރުގެ އެކުވެރިން ދިމާކޮށްހަދާފާނެތީއާއި އެހެން ކުދިންގެ މައިންބަފައިން އެކުގައި އުޅޭތަން ފެނުމެވެ.
ވަރަށް ޅަ އުމުރުގައި މައިންބަފައިން ވަކިވުމުން، ކާޖޮލް ދިރިއުޅުނީ އޭނާގެ މަންމަ އަދި ކުރީގެ އެކްޓްރެސް ތަނޫޖާ އާއެކުއެވެ. ކާޖޮލް ބުނި ގޮތުގައި އޭނާގެ މައިންބަފައިން އެކުއެކީގައި ނޫޅުނު ކަމުގައިވިޔަސް އޭނާއާއި އޭނާގެ ކޮއްކޮ ތަނީޝާއަށް މައިންބަފައިންގެ ލޯބި ފުރިހަމައަށް ލިބުނެވެ. އެހެންކަމުން އެދެމީހުންނަށް ވެސް މައިންބަފައިންގެ ފަރާތުން އެއްވެސް ކަމެއް އުނި ނުވާކަމުގައި ވެސް ބުންޏެވެ.
ކާޖޮލް ބުނި ގޮތުގައި އޭނާގެ މައިންބަފައިން ވަކިވީ ކީއްވެތޯ އޭނާގެ މަންމަ ގާތު ފަހުން ކާޖޮލް ސުވާލު ކުރިއެވެ. ޖަވާބުގައި އޭނާގެ މަންމަ ބުނީ އެދެމީހުންގެ ދޭތެރޭގައި ”އެފަދަ ލޯތްބެއް“ ފަހުން ނެތުމާއި، ޒުވާބު ކުރުން އިންތިހާއަށް ގިނަވެ އެކަކު އަނެކަކަށް ކުރި އިހުތިރާމު ވެސް ފަހުން ގެއްލުމުން، އެންމެ ރަނގަޅުވާނީ މަޖުބޫރުން އެކަކު އަނެކަކާއެކީގައި ނޫޅުން ކަމަށެވެ. ކާޖޮލް ބުނި ގޮތުގައި އޭނާގެ މަންމަ ދެއްކި އެވާހަކަތައް އޭނާއަށް ވިސްނި ގަބޫލު ކުރެވުނެވެ. އެއީ އޭނާގެ ބައެއް އެކުވެރިންގެ މައިންބަފައިން އެކުއެކީގައި އުޅުނު ކަމުގައިވިޔަސް، ހަމަޖެހޭ އުފާވެރި ދިރިއުޅުމެއްގައި ނޫޅޭކަމުގެ ވާހަކަތައް ކާޖޮލްއަށް އެނގިފައިވުމެވެ. އެހެންކަމުން ކާޖޮލް ބުނީ ބޮލުގައި ރިއްސާ އަދި އެހާމެ ހިތްދަތިކަން ގެނުވާ ކައިވެންޏެއްގައި އުޅުމަށްވުރެ ވަކިވުން މާ ރަނގަޅުވާނެ ކަމަށެވެ.
ކާޖޮލް ކައިވެނި ކޮށްގެން އުޅެނީ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަޖޭ ދޭވްގަން އާއެވެ. އެދެމަފިރިންގެ ދެ ދަރިން ވެސް ހުރެއެވެ. އަޖޭއާ ބެހޭގޮތުން މީޑިއާގައި ތަފާތު އެކިއެކި ވާހަކަތަށް ފެތުރެއެވެ. އޭގެތެރެއިން އެއްވާހަކައަކީ އަޖޭ އަކީ ވަފާތެރި ފިރިއެއް ނޫންކަމާއި ފިލްމު އެކްޓްރެސް ތާބޫ އާއެކު ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމުގެ ވާހަކައެވެ. ކާޖޮލް ބުނީ އެކަހަލަ ވާހަކަތަށް އޭނާ ގަބޫލު ނުކުރާ ކަމަށާއި އެވާހަކަ ދައްކަން ވެސް ބޭނުން ނުވާ ކަމަށެވެ.




