އެއްވެސް އިންޒާރެއް އަދި އެންގުމަކާ ނުލައި އިޒްރޭލުގެ ޔަހޫދީ ސިފައިން ޣައްޒާގެ އުތުރު އައްސޭރިއެއް ކަމަށްވާ ބީތުލާހިޔާއަށް ދިން ނިރުބަވެރި ވައިގެ ހަމަލާގައި، ޣައްޒާގެ 73 މީހަކު ޝަހީދުވެއްޖެއެވެ.
ޣައްޒާގެ ދައުލަތުގެ މީޑިއާއިން މައުލޫމަތު ދިން ގޮތުގައި، އިޒްރޭލުން މިއަދު ފަތިހު ދިން މި ބިރުވެރި ހަމަލާގެ ސަބަބުން އެތައް ބަޔަކު ޝަހީދުވެފައިވާއިރު، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވެސް އެތައް ބަޔަކު އެބަތިއްބެވެ.
އިޒްރޭލުން މެދުކެނޑުމެއްނެތި ޣައްޒާއަށް ހަމަލާދެމުންގެންދާތާ މިއަދަށް 16 ދުވަސްވީއިރު، އެހަމަލާތަކުގެ ސަބަބުން އެތައް ބަޔަކު ޝަހީދުވެ ޒަހަމްވެއްޖެއެވެ. މީގެއިތުރުން ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ނުލިބި، ކަރަންޓާއި ފެން ވެސް ބޮޑުބަޔަކުން ކެނޑިފައިވާކަމަށް ރިޕޯޓުތަކުން ބުނެއެވެ. މީގެއިތުރުން މުއާސަލާތީ ޚިދުމަތްތައް ވެސް މިހާރު އެސަރަހައްދުން ވަނީ ކެނޑިފައެވެ.
މިފަދަ ނިކަމެތި ހާލު ޖެއްސުމަށްފަހު ވެސް އިޒްރޭލުގެ ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނަނީ ހަމަލާތައް ނުހުއްޓާނެ ކަމަށާއި އެމީހުންނާއެކު އެމެރިކާ ވެސްވާ ކަމަށެވެ.
ޣައްޒާގެ އިތުރުން އިޒްރޭލުން ދަނީ ލުބްނާނަށް ވެސް ނިރުބަވެރި ހަމަލާތައް ދެމުންނެވެ. އެގޮތުން ހިޒުބުﷲ އާއި ހަމާސް ޖަމާއަތުގެ އިންވެސްޓިގޭޓިންގް ބޭސްތަކަށް ހަމަލާ ދެނީ ކަމަށްބުނެ އާންމުން ދިރިއުޅޭ އެތައް ސަރަހައްދަކަށް ވެސް އިޒްރޭލުން ވަނީ ހަމަލާ ދީފައެވެ.




