ރާއްޖެއަށް ގިނަ އަދަދެއްގެ ނުރައްކާތެރި ކެމިކަލް އެތެރެކުރާ ކަމަށާއި އެ ކެމިކަލްތައް މެނޭޖްކުރުމަށް ޚާއްސަ ފެސިލިޓީތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ތޯރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ތޯރިޤް ވިދާޅުވީ ނުރައްކާތެރި ކެމިކަލް މެނޭޖްކުރުމަށް ޚާއްސަ ފެސިލިޓީތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ފައްޓަވައިފައިވާ ކަމަށާއި އެތަކެތި މެނޭޖްކުރެވޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމަކީ މުހިންމު ކަމެއް ކަމުގައެވެ.
”އެގޮތުން އެފަދަ ފުރަތަމަ މަރުކަޒު މިހާރު އައްޑޫ ސިޓީގައި ތަރައްޤީކޮށްފައިވާނެ. އަދި އެމަރުކަޒު މިވަގުތު ވަނީ ވެމްކޯއާއި ހަވާލުކޮށްފަ. މީގެއިތުރުން މި މަޝްރޫޢުގެ ދަށުން މިހާރު ރ.ވަންދޫގައިވެސް ނުރައްކާތެރި ކެމިކަލް މެނޭޖްކުރާނެ ފެސިލިޓީއެއް ޤާއިމުކުރުމުގެ މަސައްކަތް ދަނީ ކުރިއަށް“ މިނިސްޓަރ ތޯރިޤް ވިދާޅުވިއެވެ.
ނުރައްކާތެރި ކެމިކަލްތަކުން ރައްޔިތުންނަށާއި ތިމާވެއްޓަށް ލިބިދާނެ ގެއްލުން ކުޑަކުރުމަށްޓަކައި، އެމްއެންޑީއެފް އިން ވަނީ ހަރަކާތްތަކެއް ފަށައިފައެވެ. އެ ހަރަކާތުގެ ތެރެއިން، ނުރައްކާތެރި ކެމިކަލްތައް ރައްކާތެރިކަމާއެކު ގެންގުޅުމާއި، އެ ކަމާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތް ކުރިވިގެންދާނެއެވެ.



