ބުޅާ މަސް އަޅައިގެން ބަންގްލަދޭޝްގެ އެމްޑީ އަރްފަތު ހޮސައިން ކާ ތަކެތި ތައްޔާރުކުރިކަމުގެ ހެއްކެއް ނެތްކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މީޑިއާ އާއި ހިއްސާ ކުރި މެސެޖެއްގައި ބުނީ ބުޅާ މަސް އަޅައިގެން ކާއެއްޗެހި ތައްޔާރުކުރި މައްސަލަ އާއި ގުޅިގެން ފުލުހުން ހިންގި ތަހުގީގުގައި ބުޅާ މަސް އަޅައިގެން އެއްވެސް ކާއެއްޗެއް ތައްޔާރުކުރި ކަމުގެ ހެކި ފެނިފައި ނުވާ ކަމަށެވެ.
އެހެންކަމުން މިމައްސަލަ އާއި ގުޅިގެން ހައްޔަރުކުރި އަރްފަތު ހޮސައިންގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގޭ ވަރަށް ހެއްކާއި ގަރީނާ ލިބިފައި ނުވާތީވެ، އެމައްސަލައިގައި ފުލުހުން ކުރަމުން ދިޔަ ތަހުގީގު ވަނީ ނިންމާލައިފައި ކަމަށް ފުލުހުން ބުނެފައިވެއެވެ.
މީގެއިތުރުން އަރްފަތު ހޮސައިން އިމިގްރޭޝަނާއި ހަވާލުކުރުމުން އޭނާ ޑީޕޯޓު ކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
ބުޅާ މަސް ބޭނުންކޮށްގެން އަރްފަތު ހޮސައިން ކާ ތަކެތި ތައްޔާރުކުރާ މައްސަލަ ފެންމަތިވީ މީސްމީޑިއާގައި ފެލިން ވެލްފެއާ އޯގަނައިޒޭޝަނުން ކުރި ޕޯސްޓަކާއި ގުޅިގެންނެވެ. މިމައްސަލަ އާއި ގުޅިގެން ހުސްވި އޮގަސްޓް މަހުގެ 20 ވަނަ ދުވަހު ފުލުހުން އޭނާ އަރްފަތު ހައްޔަރުކޮށް ވަނީ ޖެހިގެން އައި ދުވަހު އިމިގްރޭޝަނާ އޭނާ ހަވާލުކޮށްފައެވެ.



