އެއާޕޯޓްސް ކައުންސިލް އިންޓަނޭޝަނަލްގެ ”އެއާޕޯޓް އެކްސެލެންސް އިން ސެކިއުރިޓީ“ ޕްރޮގްރާމް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ފަށައިފިއެވެ.
އެމްއޭސީއެލް އިން ހާމަކޮށްފައިވާ ގޮތުގައި މި އެސެސްމަންޓް ޕްރޮގްރާމްގެ މަގުސަދަކީ ވީއައިއޭގެ ސަލާމަތާއި ރައްކާތެރިކަން ހުރިގޮތް ބަލައި، އެކްޝަން ޕްލޭނެއް ތައްޔާރު ކުރުމެވެ.
މިއަދު ނޫވިލު ސީޕްލޭން ޓާމިނަލްގައި މިއެސެސްމެންޓް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯގެ އިތުރުން، މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުޙައްމަދާއި، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ލަމްއާނާއި، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފުގެ އިތުރުން އެ ކުންފުނީގެ އިސް ބޭފުޅުން އަދި އެޕެކްސް އެސެސްމަންޓް ޕްރޮގްރާމް ހިންގަވާ ބޭފުޅުން ވަނީ ބައިވެރިވަޑައިގެންފައެވެ.
މިރަސްމިއްޔާތުގައި ބައިވެރިވެ ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވީ، ވީއައިއޭ ހަލުވި ދުވެއްޔެއްގައި ކުރިއަރަމުންދާއިރު، އުމްރާނީ ގޮތުން ވެސް އެ ތަން ޒަމާނީ ފެންވަރަށް ތަރައްގީ ކުރަމުންދާ ކަމަށެވެ.
ޝަރީފް ވިދާޅުވީ މި އެއާޕޯޓުގެ ޚިދުމަތްތައް ހޯދާ އެއާލައިންތަކާއި ފަސިންޖަރުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ކަމަށާއި ޚިދުމަތް ހޯދާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަކީ އެމްއޭސީއެލްއިން އަބަދު ވެސް އެންމެ ބޮޑު އިސްކަމެއްދޭނެ ކަންތައް ކަމަށެވެ.
މީގެއިތުރުން މިހާރު ކުރިއަށްދާ އެޕެކްސް ސެކިއުރިޓީ އެސެސްމަންޓަކީ ވެސް މިފަދަ މަސައްކަތެއްކަމަށާއި މި އެސެސްމަންޓުގެ ނަތީޖާއަށް ބިނާކޮށް، ހާއްސަ އެކްޝަން ޕްލޭނެއް އެކުލަވާލެވޭނެ ކަމަށް ވެސް ސީއީއޯ ވިދާޅުވިއެވެ.
ޔޫރަޕިއަން ސިވިލް އޭވިއޭޝަން ކޮންފަރެންސް (އީކާކް)ގެ އެހީގައި ކުރިއަށް ގެންދާ މިއެސެސްމެންޓުގެ ސަބަބުން އެއާޕޯޓުގެ ސެކިއުރިޓީ އޮޕަރޭޝަންސްގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކުގެ ހިޔާލާއި މަޝްވަރާއާއިއެކު ވީއައިއޭގެ ސެކިއުރިޓީ އިތުރަށް ހަރުދަނާ ވެގެންދާނެއެވެ.
އެމްއޭސީއެލުން ހާމަކޮށްފައިވާ ގޮތުގައި އެކުންފުނިން އަބަދު ވެސް މަސައްކަތް ކުރަނީ، ބައިނަލްއަޤްވާމީ ފެންވަރުގައި އެއާޕޯޓުގެ ސަލާމަތާއި ރައްކާތެރިކަން ހިފެހެއްޓުމަށް ކަމަށެވެ. އެގޮތުން އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން (އައިކާއޯ)، އެއާޕޯޓްސް ކައުންސިލް އިންޓަނޭޝަނަލް (އޭސީއައި) އަދި އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ) ފަދަ ބައިނަލްއަޤްވާމީ ޖަމާއަތްތަކާއި ގުޅިގެން އެއާޕޯޓް އޮޕަރޭޝަންސްއާއި ސަލަމާތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށް ވެސް އެމްއޭސީއެލް އިން ބުނެފައިވެއެވެ.




