ޣައްޒާ ނައްތާލައި އެތަން ހިފުމުގެ އިތުރުން ފަލަސްތީނުގެ އާބާދީ ބޮޑުތަނުން ކުޑަކުރުމަށް އިޒްރޭލުން އަމާޒު ހިފާފައި ހުރުމުން އެކަމާ އިންތިހާއަށް ކަންބޮޑުވާ ކަމަށް އ.ދ ގެ އިންސާނީ ޙައްޤުތަކާބެހޭ އޮފީހުން ބުނެފިއެވެ.
އ.ދ އިން މިފަދައިން ކަންބޮޑުވުން ފާޅުކޮށްފައި މިވަނީ ޔަހޫދީ އިޒްރޭލުން ޣައްޒާގެ ޖަބާލިއާ އަވަށާއި، ބީތު ހަނޫން އަދި އަދި ބީތު ލާހިޔާގައި އާންމުން ދިރިއުޅޭ ބޮޑު ސަރަހައްދަކަށް ރޭގައި ހަމަލާދީ ފަލަސްތީނުގެ 87 މީހުން ޝަހީދުކޮށް އެތައް ބަޔަކު ގެއްލިފައިވުމުންނެވެ.
އިޒްރޭލުން މެދުކެނޑުމެއްނެތި ޣައްޒާއަށް ހަމަލާ ދިނުމުގެ އިތުރުން، ލުބްނާނުގެ ބެއިރޫތައް ވެސް ދަނީ ހަމަލާދެމުންނެވެ. އެގޮތުން ރޭގައި ވެސް ބެއިރޫތައް މިސޭލު ހަމަލާތަކެއް ދީ 24 މިހުން މަރާލާފައިވެއެވެ. އިޒްރޭލުން ދިން މިހަމަލާގެ ސަބަބުން، ސުލްހަމަސަލަސްކަމަށް މަސައްކަތްކުރާ އ.ދ ގެ އިތުރު އޮފިޝަލުންތަކެއް ވެސް މަރުވެފައިވާ ކަމަށް އ.ދ އިން ބުނެފައިވެއެވެ.
މީގެކުރިން ވެސް އިޒްރޭލުން މިފަދަ ހަމަލާތަކެއްދީ އ.ދ ގެ އޮފިޝަލުންތަކެއް މަރުވުމުން، އޮފިޝަލުން އެސަރަހައްދު ދޫކޮށް އެނބުރި ޤައުމަށް ދިޔުމަށާއި ހަނގުރާމަ ހުއްޓާނުލާނެ ކަމަށް އިޒްރޭލުން ވަނީ ބުނެފައެވެ. ނަމަވެސް އ.ދ އިން ބުނީ އޮފިޝަލުން އެމީހުންގެ ޒިންމާތައް ދޫކޮށްފައި ނުދާނެ ކަމަށާއި އިޒްރޭލުން ހިންގަމުންދާ އެފަދަ ލާއިންސާނީ އަމަލުތައް ވަގުތުން ވަގުތަށް ހުއްޓައިލުމަށެވެ.




