ޑްރަގް އޮފެންޑަރު ރިމާންޑް ސެންޓަރުގެ ފެސިލިޓީތައް ހުޅުމާލެއާއި ކ. ހިއްމަފުށީގައި ހުޅުވައިފިއެވެ.
މިކަމާ ގުޅޭގޮތުން އިތުރަށް މައުލޫމާތު ދެއްވަމުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ޗެއާޕާސަން ލުބްނާ މުހައްމަދު ޒާހިރު ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ މީހުން ކުށުގެ ވެށިން ނެގުމަށް ފަހު ލާނެ މަރުކަޒެއް ހުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
އެގޮތުން ލުބްނާ ވިދާޅުވީ ރިމާންޑް ސެންޓަރުގެ އޮޕަރޭޝަންތައް ކުޑަކޮށް ފެށި ނަމަވެސް އެކަމަށްޓަކައި ޖުލައި މަހުގެ ތެރޭގައި މީހުން ނަގަން ފަށާފައިވާ ކަމަށާއި އެންމެ ފުރަތަމަ އޮޕަރޭޓް ކުރަން ފެށީ ހުޅުމާލޭގެ ސެންޓަރުގެ ހިދުމަތް ކަމަށެވެ.
މީގެއިތުރުން މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފޯރުކޮށްދޭ ފަރުވާގެ ނިޒާމް ބަދަލުކޮށް، ފަރުވާ ހަރުދަނާކޮށް މަރުކަޒުގައި މިހާރު ހިންގަމުންދާކަން ވެސް އެންޑީއޭގެ ޗެއާޕާސަން ފާހަގަ ކުރެއްވިއެވެ.
މިފަދަ ސެންޓަރެއްގެ ބޭނުމަކީ މަސްތުވާތަކެތި ނަގާ މީހުން އަދި މަސްތުވާތަކެތި ފެޑްލްކުރާ މީހުން ކުށުގެ ވެށިން ނެގުން ކަމަށާއި އެ މީހުންނަށް ދޭން ޖެހޭ ފަރުވާ ދެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ސެންޓަރެއް ހުންނަން ޖެހޭނެ ކަމަށް ގާނޫނުގައި ވެސް ވާ ކަމަށް ލުބްނާ ވިދާޅުވިއެވެ. އަދި އެންމެ މުހިންމު ކަމަކީ މަސްތުވާތަކެތި ނަގާ މީހުންނަށް ވަގުތުން ފަރުވާ ފެށުމަށްޓަކައި ރިމާންޑް ސެންޓަރެއް ހުރުން ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.



