ސީރިއާއަށް ހަނގުރާމައަށް ގޮސް، ހާލުގައި ޖެހިގެން އަނބުރާ ރާއްޖެ ގެނައި ދިވެހީންގެ ތެރެއިން 19 މީހަކު އިތުރު ހަ މަސް ދުވަހު ރީ އިންޓަގްރޭޝަން ޕްރޮގްރާމަށް ސެންޓަރުގައި ބައިތިއްބަން ހޯމް މިނިސްޓްރީން ނިންމައިފިއެވެ.
މިއީ ހަނގުރާމަވެރި ސަރަހައްދުތަކުން ނުވަތަ އެފަދަ ސަރަހައްދަކުން އަނބުރާ އަންނަ ނުވަތަ ގެނެވޭ މީހުން މުޖްތަމައުއަށް ނިކުތުމުގެ ކުރިން ޕްރޮގްރާމެއްގައި ބައިވެރި ކުރުވާ ސެންޓަރެކެވެ. އެތަނުގައި ފަރުވާ ދެނީ ވިކްޓިމްއެއްގެ ގޮތުގައި ފާހަގަވެފައި ތިބި ފަރާތްތަކަށެވެ.
ސިއްރިއްޔާތުގައާއި އެނޫންވެސް ގޮތްގޮތުން ސީރިއާއަށް ހަނގުރާމައަށް ގޮސް ހާލުގައި ޖެހުމުގެ ސަބަބުން އަނބުރާ ރާއްޖެއަށް ގެނައި ދިވެހީންގެ ޖުމްލަ އަދަދު މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
ސީރިއާއަށް ހަނގުރާމައަށް ދިޔަ މީހުންގެ ތެރެއިން މިއަހަރުގެ ޖަނަވަރީ މަހު ގެނައީ 15 ކުޑަކުދިންނާއި، ފަސް އަންހެނަކާއި ފިރިހެނެކެވެ. އެ އެންމެން ވެސް ތިބީ ކ. ހިންމަފުށީގައި ގާއިމުކޮށްފައިވާ ރިހެބިލިޓޭޝަން ސެންޓަރުގައެވެ.


