ދެކުނުގެ ރަށެއްގެ ޓީޗަރަކު ދަރިވަރުންގެ އުމުރާ ނުގުޅޭ ވާހަކަތަކެއް ދެއްކި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ދެކުނުގެ ސެންޓްރަލް ޕޮލިސް (މ، ފ، ތ، ދ، އަދި ލ އަތޮޅު ހިމެނޭ) ރަށެއްގެ ސްކޫލެއްގައި މަސައްކަތް ކުރާ ފިރިހެން ޓީޗަރަކު، ދަރިވަރުންގެ އުމުރާއި ނުގުޅޭ ވާހަކަދައްކާ، ގްރޫމް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިމަހުގެ 17 ވަނަ ދުވަހު ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން އިތުރު މައުލޫމާތެއް ހިއްސާ ކޮށްފައެއް ނުވެއެވެ. ނަމަވެސް މިމައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރައްވަމުންނެވެ.
ކުޑަކުދިންނާ ގުޅޭ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކަކަށްވާތީ، ކުދިންގެ ވަނަވަރު ރައްކާތެރި ކުރުމުގެ ގޮތުން އެކުދިންގެ އަތޮޅާއި ރަށް އަދި އެނޫންވެސް މައުލޫމާތު ފުލުހުން ހިއްސާ ކޮށްފައެއް ނުވެއެވެ.



