އިޒްރޭލުގެ ރައްޔިތުން ރާއްޖެއަށް އެތެރެވުން މަނާކޮށް، އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމަށް އެދި އިދިކޮޅު އެމްޑީޕީގެ ފަރާތުން ހުށަހެޅި ބިލު ލަސްވާތީ އެކަމާ ގުޅިގެން އެ ޕާޓިގެ ފަރާތުން މިއަދު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ރިޔާސަތުން މިއަދު ބަލައިނުގަނެ އަނބުރާ ފޮނުވާލައިފިއެވެ.
މިމައްސަލަ ބަލައިނުގަނެ އަނބުރާ ފޮނުވާލާފައިވަނީ ކުއްލި މައްސަލައެއްގައި ހުންނަން ޖެހޭ ޝަރުތުތައް ހަމަނުވާތީ ކަމަށް މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހަށް މިބިލު މީގެ ހަތަރު މަސް ކުރިން ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް އެވެ.
އޭގެފަހުން މިބިލު ބަލައިގަނެ މިހާރު އޮތީ ކޮމިޓީ މަރުހަލާގައެވެ.
ނަމަވެސް މިބިލު ލަސްވާތީ ކަންބޮޑުވުން ފާޅުކޮށް މިއަދުގެ މަޖިލިސް ޖަލްސާއަށް ކުއްލި މައްސަލަ ހުށަހަޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑިޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.




