ރާއްޖެއަށް 3 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ހައްޔަރު ކުރި މީހާގެ 15 ދުވަހަށް ބަންދު ކޮށްފިއެވެ.
ކަސްޓަމްސް އޮތޯރިޓީން ވަނީ މިދިޔަ ހޮނިހިރު ދުވަހު ބެންކޮކުން ރާއްޖެއައި އުމުރުން 33 އަހަރުގެ ފިރިހެނެއްގެ ލަގެޖުގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނައި މީހަކު އަތުލައިގަނެ، ފުލުހުންނާއި ހަވާލުކޮށްފައެވެ.
މިމައްސަލަ އާއި ގުޅިގެން ހައްޔަރު ކުރި މީހާގެ ބަންދާއި މެދު ގޮތެއް ކަނޑައެޅުމަށް އޭނާ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އޭނާ 15 ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށް އަމުރުކޮށްފިއެވެ.
ކަސްޓަމްސް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އޭނާގެ ލަގެޖުން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި، ފުރަތަމަ މަރުހަލާގައި ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯން އަށް ވަނީ ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
މިތަކެތީގެ ބަރުދަނުގައި ޕެކިންއާއެކު ޖުމްލަ 1.86 ކިލޯ ހުރިއިރު، މީގެ މަގުމަތީ އަގު 3,348,000.00 ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭކަމަށް ވެސް ކަސްޓަމްސް އިން ބުނެފައިވެއެވެ.




