އަންހެނުން ކުރާ ހުރިހާ ކަމަކާއި ބެހުމަކީ ގިނަ ފިރިހެނުންގެ އާދައެކެވެ.
އަންހެނުން ކުރާ އެންމެ ކުދި ކަންތަކުން ފެށިގެން ބޮޑެތި ކަންކަމާއިވެސް ބެހިނުލާ ފިރިހެނުން މަދުވާނެއެވެ.
މިސާލަކަށް އަންހެނުން މޭކަޕް ކޮށްގެން ހުރުމާއި، ލާހެދުންތައް ބާރުވެފައި ނުވަތަ މާބޮޑަށް ދޫވެފައި ހުރުމަކީ ފިރިހެނުން އެކަމަށް ފާޑުކިޔަން ޖެހޭ ކަމެކެވެ. އެކަހަލަ ވަގުތުތަކުގައި ހީވާނީ ފިރިހެނުންނަކީ އަންހެނުންވެރިން ހެދުން އަޅަން ޖެހޭ ގޮތުގެ ޕީއެޗްޑީ އެއް ނަގައިގެން އައިސް އުޅޭ ބައެއް ހެންނެވެ. އަންހެނަކަށް ރޮށްޓެއް ވަށްކޮށް ދަމަން ނޭނގުން ވެސް ވެފައިވަނީ މިކަހަލަ ކަމެއްގެ ގޮތުގައެވެ. ހީވަނީ ވަށްކޮށްދަމާ ރޮށި ފިރިހެނުން ކަނީ އެ އޮތްގޮތަށް އަނގަޔަށް އެއްކޮށްލައިގެން ހެންނެވެ.
ކޮންމެއަކަސް މިފަދަ ފިރިހެނުން އެފަދައިން ވާހަކަ ދައްކަމުން އަންނަނީ ކީއްވެގެންކަން އެމެރިކާގެ ޕްރިންސްޓަން ޔުނިވާރސިޓީގައި ސައިކޮލޮޖީ އެންޑް ހިއުމަން ބިހޭވިއަރ ހަދަމުން އަންނަ ދަރިވަރުންތަކެއް މިވަނީ ދިރާސާ ކޮށްފައެވެ.
އެމީހުން އެކުލަވާލި ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުގައި، ފިރިހެނުންނަށް އަންހެނުންގެ ހުރިހާ ކަމަކާއި ބެހެވެނީ ފިރިހެނުން އަމިއްލައަށް ނަފްސާނީ ބަލީގެ ޝިކާރައަކަށް ވެފައިވުމުންނެވެ. އަދި މިފަދަ ކަންކަމާ ބެހުމުން ފިރިހެނުން އިތުރަށް ނަފްސާނީ ވާނެކަމަށް ވެސް އެދިރާސާތަކުން ދައްކައެވެ.
ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި އެފަދަ ފިރިހެނުން އަންހެނުން ކުރާ ހުރިހާ ކަމަކާއި ބެހެނީ އެމީހުންގެ އަމިއްލަ ދިރިއުޅުމުގައި މައްސަލަތަކެއް ހުރުމުން އެކަމާއިމެދު ފިކުރު ބޮޑުވާތީ، އެފިކުރުތަކުން ދުރުވެލުމަށެވެ.
އާއްމުގޮތެއްގައި ފިރިހެނުންނަކީ އެމީހުންގެ ކަންކަން ހިއްސާ ކުރާ ބައެއް ނޫނެވެ. އެމީހުން ދެކޭ ގޮތުގައި އެއީ ”ފިރިހެންވަންތަ“ ކަމެއް ނޫނެވެ. އެހެންކަމުން އެފަދަ ކަންބޮޑުވުންތައް ފިލުވާލަނީ އިދިކޮޅު ޖިންސުގެ މީހުން ކުރާ ކަންކަމާއި ބެހިލައިގެންނެވެ.
މީގެއިތުރުން އެރިޕޯޓުގައި ބުނެފައިވަނީ ފިރިހެނުން ފިކުރު ބޮޑުކުރާ ބަޔަކީވެސް އަންހެނުން ކަމަށެވެ. ނަމަވެސް އާއްމުގޮތެއްގައި ފިރިހެނުންގެ ހާސްކަން އިތުރު ކުރާ އަންހެނުންނާއި ދިމާލަށް އެއްޗެއް ނުބުނެ، އެމީހުން ޓާގެޓު ކުރާނީ އެހެން އަންހެނުންނަށް ހަޖޫ ޖެހުމަށް ކަމަށާއި އެއީ ”ބަދަލު ހިފާލުން“ ކަމުގައި ވެސް ބައެއް ފިރިހެނުން ދެކޭ ކަމަށެވެ.




