ދުންފަތުގެ އިސްތިއުމާލުކޮށްގެން ޖެހޭ ބަލިބައްޔަށް އާސަންދަ ދިނުން ހުއްޓާލަން ޖެހޭކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަދި ވެރިކަންކުރާ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.
މިއަދު ދުންފަތާއި ވޭޕުގެ ބާވަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހަށް ބަހުސްކުރައްވަމުން އިސްމާއީލް ވިދާޅުވީ ރާއްޖޭގެ އާބާދީގެ ތެރެއިން 37 ޕަސެންޓު ހިއްސާކުރަނީ ޒުވާނުން ކަމަށާއި، މިއަދު ގިނަ ޒުވާނުންތަކެއް ދުންފަތުގެ އިސްތިއުމާލުކޮށް ވޭޕްކުރަމުންދާ ކަމަށެވެ.
މިކަން ފާހަގަކުރައްވާ އިސްމާއީލް ވިދާޅުވީ ދުންފަތުގެ އިސްތިއުމާލުކޮށްގެން ޖެހޭ ބަލިބައްޔަށް އާސަންދަ ދިނުން ހުއްޓާލަން ޖެހޭކަމަށެވެ.
މީގެއިތުރުން، އާންމު ބައެއް ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކޮށްފައިވާއިރު، ތަންފީޒީ އިދާރާތަކުން އެދެވޭ ގޮތެއްގައި އެގަވައިދު ތަންފީޒުކުރަމުން ނުދާކަމަށް ވެސް އިސްމާޢީލް ވިދާޅުވިއެވެ.
ސަރުކާރުން މިއަދު މަޖިލީހަށް ހުށަހަޅާއިފައިވާ އިސްލާހުގައި ދުންފަތުގެ އުފެއްދުންތަކުން ނަގާ އިމްޕޯޓް ޑިއުޓީ 25 ޕަސެންޓުން 50 ޕަސެންޓަށް އިތުރުކޮށް، ކޮންމެ ސިނގިރޭޓަކުންނާއި ބިޑިއަކުން ނަގާ ތިން ރުފިޔާ އަށް ރުފިޔާ އަށް ބޮޑުކުރުމަށާއި، އީ-ސިނގިރޭޓާއި ދުންފަތުގެ އިސްތިއުމާލުކުރަން ބޭނުންކުރާ އާލާތްތަކަށް އަޅާ ކެމިކަލްތަކާއި ފްލެވާތަކުން އިމްޕޯޓް ޑިއުޓީގެ ގޮތުގައި 50 ޕަސެންޓު ނަގައި ކޮންމެ މިލިލީޓަރަކަށް އަށް ރުފިޔާ އިތުރުކުރުމަށް ހިމަނާފައިވެއެވެ.
މީގެ އިތުރުން ދެން އީ-ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކުން ނަގާ 25 ޕަސެންޓުގެ އިމްޕޯޓް ޑިއުޓީ 200 ޕަސެންޓަށް އިތުރުކޮށް، ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް ހުންނަ ދުންފަތުގެ އުފެއްދުންތައް އެއާ އެއްފަދަ މުދަލުގެ ބާވަތެއްގެ ގޮތުގައި ހިމެނުމަށް ވެސް ސަރުކާރުން ވަނީ ހުށަހަޅައިފައެވެ.



