މިސަރުކާރުން ފާއިތުވި 11 މަސްދުވަހުގެ ތެރޭގައި 328 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ހިފަހައްޓާފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ކަމާއި ގުޅުންހުރި އެކި އިދާރާތަކާއި ގުޅިގެން ފުޅާދާއިރާއެއްގައި މަސައްކަތް ކުރައްވަމުންދާކަމަށެވެ.
މަސްތުވާތަކެތީގެ މައްސަލައަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިގަނެ މަސްތުވާތަކެއްޗާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ސަރުކާރުގެ ކަމާ ގުޅޭ ހުރިހާ މުއައްސަސާތައް ގުޅިގެން ފައްޓަވާފައިވާކަން ފާހަގަކުރައްވާ އިހުސާން ވިދާޅުވީ މިވޭތުވެދިޔަ 11 މަސްދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތުން 328 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ހިފަހައްޓާފައިވާކަމަށެވެ.
ވަޒީރު ވިދާޅުވީ މީގެތެރޭގައި 177 ކިލޯގްރާމްގެ މަސްތުވަތަކެއްޗާއި، 8300 އަށްވުރެ ބަނގުރާ ފުޅިއާއި ދަޅުކަމަށް ހިމެނޭ ކަމަށާއި،ހިފަހެއްޓި މަސްތުވާކަތެއްޗަށް ބެލުމުން ރާއްޖޭގައި މަސްތުވާތަކެތީގެ ނުރައްކާތެރި އާދަ އަށަގެންފައިވާ މިންވަރު އެންގިގެންދާ ކަމަށެވެ.
”އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ރައީސުލްޖުމްހޫރިއްޔާގެ މިދައުރުގެ ތެރޭގައި މަސްތުވާތަކެތީގެ މިމައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް. މަސްތުވާތަކެއްޗާއި ގޭންގުގެ މައްސަލަތަކުގައި ދާއިމީ ހައްލެއް ހޯދުމަށް މަސައްކަތްކުރާއިރު ގެންނަން ބޭނުންވާ އެންމެ ބޮޑު ބަދަލަކީ ޤާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުން.“ ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން، މިހަރު މަސްތުވާތަކެއްޗާއި ގުޅޭ 2 ބިލެއްގެ މަސައްކަތް ނިންމި އޭޖީ އޮފީހަށް ފޮނުވާފައިވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މި ދައުރުގެ ތެރޭގައި މިބިލު މަޖިލީހަށް ފޮނުވުމަށް މަސައްކަތް ކުރައްވަމުންދާކަމަށެވެ.
ހަމައެއާއިއެކު، ކުށުގެ ވެށިން ކުޑަކުދިން ސަލާމަތްކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ހޯޕް އައިލެންޑްގެ މަސައްކަތް ކުރަމުންދާ ކަމަށާއި ދ.ވާނީގައި މިމަސައްކަތް ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް އަންނަ ހަފްތާގެ ތެރޭގައި އިކޮނޮމިކް ކައުންސިލަށް ހުށައެޅުމަށް ނިންމަވާފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މާލޭގެ އެކި ސަރަޙައްދުތަކުގައި މަސްތުވާތަކެތި ބޭނުންކޮށްގެން ވަންނާނެ ތަނެއް ނެތި ތިބި ޒުވާނުން ރިމާންޑް ސެންޓަރުތަކަށް ނެގުމުގެ މަސައްކަތުގެ ތެރެއިން މާލެގެ ބާޒާރުމަތީގެ ސަރަހައްދުތަކަށް ޚާއްސަކޮށްގެން އަންގާރަ ދުވަހުގެ ހަވީރު މަސައްކަތް ފަށާނެކަމަށެވެ. އަދި މިމަސައްކަތުގެ ތެރެއިން އައިޑީފައިކުރެވޭ މީހުން ނަގަމުންދާނެކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.




