ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ސަމޯއާގެ ބޮޑުވަޒީރު ފިއާމޭ ނައޯމީ މަޓައާފާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ނައިބު ރައީސް ވަނީ ސަމޯއާއިން ދިވެހި ވަފުދަށް ދެއްވަމުންގެންދަވާ ފުރިހަމަ މެހުމާންދާރީއަށާއި މިއަހަރުގެ ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމަށް ކުރައްވާފައިވާ ފުރިހަމަ އިންތިޒާމުތަކަށް ޝުކުރު އަދާކުރެއްވިއެވެ.
މި ބައްދަލުވުމުގައި ނައިބު ރައީސް ލަތީފާއި ސަމޯއާގެ ބޮޑުވަޒީރު ވަނީ، ކޮމަންވެލްތު މެންބަރު ޤައުމުތަކުގެ ހައިސިއްޔަތުންނާއި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ހައިސިއްޔަތުން ދެ ޤައުމުން ހިއްސާކުރާ ގޮންޖެހުންތަކާ ކުރިމަތިލުމުގައި އެކުގައި ކުރެވިދާނެ މަސައްކަތްތަކާމެދު މަޝްވަރާކުރައްވާފައެވެ. އެގޮތުން މޫސުމަށް އަންނަ ބަދަލުތަކާއި ދެމެހެއްޓެނިވި ތަރައްޤީއާއި ލާސާނީ ޘަޤާފަތްތައް ހިމާޔަތްކުރުމުގެ މައްޗަށް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި އެލަޔަންސް އޮފް ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (އެއޯސިސް)ގައި ސަމޯއާ އިން އަދާކުރައްވަމުން ގެންދަވާ އިސް ދައުރުވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ތިމާވެށީގެ ދާއިރާ އާއި މޫސުމަށް އަންނަ ބަދަލުތަކާއި ފަތުރުވެރިކަމާއި އިޤްތިޞާދު އަދި ވިޔަފާރި ފަދަ ދާއިރާތަކުން އެއް ޤައުމުން އަނެއް ޤައުމަށް އެއްބާރުލުން ދެވިދާނޭ ގޮތްތަކާ މެދުގައިވެސް މިބައްދަލުވުމުގައި އެ ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.




