އުމުރުން 57 އަހަރުގެ މަންމައަށް އަނިޔާކޮށް، ވަޅިން ބިރުދައްކާ މަރުގެ އިންޒާރު ދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ 10 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ނިންމައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު އިއްޔެ ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ އެޕާޓްމެންޓަކުން އަންހެނަކު ރޯ އަޑު އިވޭކަމަށް ބުނެ ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ އިއްޔެ 18:17 ހާއިރު ކަމަށެވެ. އެރިޕޯޓާ ގުޅިގެން ފުލުހުން އެ އެޕާޓްމެންޓަށް ގޮސް ދޮރުގައި ޓަކި ޖެހުމުން އަންހެނަކު ދޮރު ހުޅުވާފައިވާ ކަމަށާއި އެއަންހެންމީހާގެ ދަރިފުޅު އުމުރުން 28 އަހަރުގެ ހ.އެހެޑަ، މުޙައްމަދު އިސްމާޢީލް އެއަންހެންމީހާއަށް އަނިޔާކޮށް ވަޅިން ހަމަލާދީ މަރާލަނެ ކަމަށް ބުނެ އިންޒާރުދީ، ފޯނު ފޭރިގަނެގެން ގޮސްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މިމައްސަލައާ ގުޅިގެން ފުލުހުން އިއްޔެ ވަނީ ކޯޓު އަމުރެއްގެ ދަށުން މުހައްމަދު އިސްމާއިލް ހައްޔަރު ކޮށްފައެވެ.
ފުލުހުން މިއަދު ވިދާޅުވީ، މި މައްސަލައާ ގުޅިގެން އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން، އޭނާގެ ބަންދަށް 10 ދުވަސް އެ ކޯޓުން ޖަހާފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



