ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލު، އެ އެސޯސިއޭޝަންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކޮށްގެން ކަމަށް ބުނެ ގަތް ދެ އެޕާޓްމަންޓު، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ އަމުރަކާއެކު، ފުލުހުން ނެގި މައްސަލަ ބަލައިނުގަންނަން ހައި ކޯޓުގެ ރަޖިސްޓްރާ ނިންމުމުން، އެ މައްސަލަ ބައްސާމްގެ ފަރާތުން ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފުކޮށްފިއެވެ.
މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރީ މިމަހުގެ 9 ވަނަ ދުވަހުގައެވެ. ނަމަވެސް އެ މައްސަލަ ބަލައިނުގަތުމަށް މިދިޔަ ބުރާސްފަތި ދުވަހު ހައިކޯޓުގެ ރެޖިސްޓްރާ ވަނީ ނިންމާފައެވެ.
ރެޖިސްޓްރާގެ އެ ނިންމުން ބައްސާމްގެ ފަރާތުން ފަނޑިޔާރުންގެ މިޖިލީހުގައި މިހާރު އިސްތިއުނާފު ކޮށްފައިވާ ކަމަށް ހައިކޯޓުން މިއަދު ވަނީ ބުނެފައެވެ.
ފުލުހުން މީގެކުރިން ބުނެފައިވަނީ ބައްސާމްގެ އެޕާޓްމަންޓުތައް ޝަރީއަތުން ގޮތެއް ނިންމަންދެން ހުންނާނީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.




