އިންޓަނެޓު މެދުވެރިކޮށް ހިންގާ ކުށްތަކުން ރައްކާތެރިކުރުވުމަށްޓަކައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި މައުލޫމާތުދިނުމުގެ ހަރަތާކެއް ކުރިއަށް ގެންގޮސްފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި ހަރަކާތަކީ، އިންޓަނެޓު މެދުވެރިކޮށް ހިންގާ ކުށްތަކަށް ހޭލުންތެރިކަން އިތުރުކުރުމުގެ ބައިނަލްއަގުވާމީ މަހުގެ ގޮތުގައި އޮކްޓޫބަރު މަސް ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
މިހަރަކާތުގައި ރައްކާތެރިކަމާއެކު މީސްމީޑިއާ ބޭނުންކުރާނެގޮތް، ރައްކާތެރި ޕާސްވޯޑު ބޭނުންކުރުމުގެ މުހިންމުކަން އަދި އެފަދަ ޕާސްވޯޑުގައި ހުންނަންވީ ސިފަތައް ކިޔައިދީފައިވެއެވެ. އަދި ޓޫފެކްޓަރ އޯތެންޓިކޭޝަން، މަލްޓި ފެކްޓަރ އޯތެންޓިކޭޝަން ހެދުމުގެ މުހިންމުކަން ބުނެދީ އޯތެންޓިކޭޝަން ހަދާނެގޮތް ދަސްކޮށްދެވިފައިވާނޭ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
އިއްޔެ ހަވީރު ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޕާކު ސަރަހައްދުގައި ކުރިއަށް ގެންދިޔަ މިހަރަކާތުގައި ޕިޝިން ލިންކުގެ ބާވަތްތަކާއި އެފަދަ ލިންކުތަކަށް ސަމާލުވެ ރައްކާތެރިވުމަށް ވަނީ މައުލޫމާތުދީފައެވެ. މީގެއިތުރުން މޯބައިލް ފޯނާއި ޓެބްލެޓް ފަދަ ވަސީލަތްތަކުގެ ސޮފްޓުވެއާ އަޕްޑޭޓްކުރުމުގެ މުހިންމުކަމާއި އަޕްޑޭޓްކުރާނެ ގޮތްތަކާއި އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކުން ރައްކާތެރިވުމަށް އެހެނިހެން މައުލޫމާތު ވެސް ހިއްސާކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ސައިބަރ ކްރައިމް ސެންޓަރުން ހުޅުމާލެ ނެއިބަހުޑް ސަޕޯޓާއި ޕަބްލިކް އެފެއާޒްގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ މިހަރަކާތުގައި އަޑުގަދަކުރާ ބޭނުންކޮށްގެންނާއި މީހުން ކައިރިއަށް ގޮސް ބައްދަލުކޮށް ކިޔައިދިނުމުގެ އިތުރުން ޕޯސްޓަރު އަދި ލީފްލެޓް މެދުވެރިކޮށް ވަނީ މައުލޫމާތު ދީފައެވެ.




