ރާއްޖޭގައި ގާއިމުކުރާ ސެންޓްރަލް ޖަލު، އުތުރު ތިލަފަޅުގައި ގާއިމުކުރަން ނިންމާފައިވާކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
އިހުސާން ވިދާޅުވީ، ރާއްޖޭގެ ޖަލުތަކުގެ ހާލަތު ހުރީ އެންމެ އެދެވޭ މިންގަނޑުތަކަށް ނޫން ކަމަށާއި އެހެންކަމުން ޖަލުތަކުގެ މައްސަލަ ހައްލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އުތުރުތިލަފަޅުގައި ސެންޓްރަލް ޖަލެއް ގާއިމް ކުރަން ނިންމަވާފައި ކަމަށެވެ.
އެގޮތުން، އުތުރުތިލަފަޅުން ހިއްކަން ނިންމާފައިވާ ސަރަހައްދުން 30 ހެކްޓަރުގެ ބިމުގައި ސެންޓްރފަލް ޖަލު ގާއިމް ކުރުމަށް ކަނޑައަޅާފައި ކަމަށާއި، ތިން އަހަރު ދުވަހުގެ ތެރޭގައި އެ ތަން އޮޕަރޭޝަނަށް ގެންދެވޭނެ ގޮތަށް މަސައްކަތް ކުރަމުން ދާ ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.
އިހުސާން އިތުރަށް ވިދާޅުވީ މިޖަލު ގާއިމު ކުރެވުމުން، ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތަށް ޖަލުތަކުން ދޭ ހިދުމަތްތަކާއި ގައިދީންނަށް ދޭން ޖެހޭ ރިހެބިލިޓޭޝަންގެ ކަންކަން އެންމެ ފުރިހަމައަށް ގެންދެވޭނެ ކަމަށެވެ.
މީގެއިތުރުން، މިހާރު ހުރި ޖަލުތަކުގައި މެކްސިމަމް ރިސޯސަސްތައް ބޭނުން ކޮށްގެން ހިދުމަތްތައް އެންމެ ފުރިހަމައަށް ފޯރުކޮށް ދިނުމަށް މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރައްވާ އިހުސާން ވިދާޅުވީ މިހާރު ޖަލުތަކުގައި އެންމެ ބޮޑު އެއް ކަންބޮޑުވުމަކަށް ވެފައި ވަނީ ނަފްސާނީ ގޮތުން ބޭނުންވާ ފަރުވާ ފޯރުކޮށް ދިނުމަށެވެ. އަދި އެކަން ހައްލު ކުރުމަށް ވެސް އެންމެ އެދެވޭ ގޮތަށް ހިދުމަތް ނުދެވޭ ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.
މީގެއިތުރުން، އިހުސާން ވިދާޅުވީ މިހާރު ވެސް ޖަލުތަކުގައި ނަފްސާނީ ކަންކަމަށް ހާއްސަ ޑޮކްޓަރެއް ފަރުވާ ދިނުމަށް ހުންނަ ކަމަށާއި ކ. މާފުއްޓާއި ހިންމަފުށީގެ ސިއްހީ މަރުކަޒުން ދޭ ހިދުމަތްތައް ފުޅާކޮށް ރަނގަޅު ކުރުމަށް ހެލްތް މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށާއި އެ ދެ މަރުކަޒުގެ ހިދުމަތްތައް ރަނގަޅުވުމުން ޖަލުގެ ގައިދީންނަށް ދެވޭ ސިއްހީ ހިދުމަތްތައް ރަނގަޅު ވެގެންދާނެއެވެ.
ޖަލުތަކުގައި ޑޮކްޓަރަށް ދެއްކުމުގެ ހާލަތައް އަލިއަޅުވާލައި އިހުސާން ވިދާޅުވީ ޖަލުތަކުގައި ކްލިނިކްތައް ހުރި ކަމުގައި ވިޔަސް ހާއްސަ ޑޮކްޓަރުންނަށް ދައްކަން ޖެހިއްޖެ ހާލަތްތަކުގައި ޖަލުގައި ތިބޭ ގައިދީން މާލެއަށް ގެނެސް ޑޮކްޓަރަށް ދެއްކުމުގެ ކަންކަން ކުރަމުން އަންނަ ކަމަށާއި މިގޮތަށް ގައިދީން ޑޮކްޓަރަށް ދައްކާ އިރުވެސް ބޮޑު ބެކްލޮގެއް އޮންނަ ކަމަށެވެ.


