ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މުސާރައިން 50 އިންސައްތަ އުނިކުރަން ނިންމައިފިއެވެ.
ރައީސް ޑރ. މުޢިއްޒު ދާދި ދެންމެއަކު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 2025 ވަނަ އަހަރަށް ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު، އިޤްތިޞާދީ އިޞްލާޙީ އެޖެންޑާގެ ދަށުން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ މަޤްޞަދުގައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން މުސާރަ އާއި ގުޅޭ ގޮތުން އެމަނިކުފާނު އެޅުމަށް ނިންމާފައިވާ ފިޔަވަޅު ތަކުގެ ތެރޭގައި:
- ރާއީސްގެ މުސާރައިން %50 ނުނަގާ ގޮތަށް ހަމަޖައްސަން ދެންނެވުން
- ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައިން %10 އުނިކުރުން
- ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން %10 އުނިކުރުން އަދި ކުންފުނިތަކުގެ ވެރީންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90،000 ރުފިޔާ ކަމަށް ކަނޑައެޅުން. (މިހާރު 100،000ރ އަށްވުރެ ބޮޑު މުސާރަ ބައެއް ކުންފުނި ތަކުގެ މުސާރަ އޮނިގަނޑު އޮތްގޮތުން ލިބޭ)
- މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މުސާރައިން %10 އުނިކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން
- ޝަރުޢީ ދާއިރާގެ އިސްވެރިން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން %10 އުނިކުރުމަށް އެ ފަރާތްތަކުގައި އެދުން.
އެހެންމަވެސް 12،000 ރުފިޔާއިން ދަށުން މުސާރަ ލިބޭ ފަރާތްތަކުގެ މައްޗަށް މިފިޔަވަޅުތައް ނޭޅޭނެ ކަމަށާއި އެފަރާތްތައް މީގެން އިސްތިސްނާވެގެންވާ ކަމަށް އެމަނިކުފާނު ބުނެފައިވެއެވެ.
ރައީސް ވިދާޅުވީ މިފިޔަވަޅުތައް އެޅުމަށް އެމަނިކުފާނު ކަނޑައަޅުއްވާފައި ވަނީ 2 އަހަރު ދުވަހުގެ މުއްދަތަށް ކަމަށެވެ.


