ދިވެހި ދައުލަތުގެ އިގްޞާދީ ޙާލަތު ރަނގަޅު ކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް އަބްދުﷲ ރަހީމް އަބްދުﷲ ވެސް މުސާރައިގެ 50 އިންސައްތަ ނުނަންގަވާނެ ކަމަށް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހި ދައުލަތުގެ އިގްސާދީ ހާލަތު ރަނގަޅު ކުރެއްވުމަށްޓަކައި ރައީސް ޑރ.މުހައްމަދު މުއިއްޒު އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތަކުގެތެރޭގައި ހިމެނޭ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މުސާރައިން 10 އިންސައްތަ ކުޑަ ކުރެއްވުމަށް ނިންމެވި ނިއްމެވުމަށް އެއްބާރުލުން ދިނުމުގެ ގޮތުން އެމަނިކުފާނުގެ މުސާރައިން ވެސް 50 އިންސައްތަ ނުނަންގަވަން ނިންމާފައިވާ ކަމަށެވެ.
ދައުލަތުގެ ހަރަދު ކުޑަކުރެއްވުމަށް ރައީސް ޑރ. މުޢިއްޒު ވަނީ ގިނަ ފިޔަވަޅުތަކެއް އަޅުއްވަން ނިންމަވާފައެވެ. އެގޮތުން އެމަނިކުފާނު މުސާރައިގެ 50 އިންސައްތަ އުނިކުރުމަށާއި ސިޔާސީ މުވައްޒަފުންގެ މުސާރައިން 10 އިންސައްތަ ކުޑަކުރުމަށް ނިންމަވާފައެވެ.
އެމަނިކުފާނުގެ މިނިންމެވުމަށް ސަރުކާރުގެ ގިނަ ބޭފުޅުން ވަނީ ތައުރީފު ކުރައްވާ އެމަނިކުފާނަށް ޝުކުރު ދަންނަވާފައެވެ.



