ދަރިއަކު ލިބުމަކީ އޭގެ ޒާތުގައި ވަރަށް ވެސް އުފާވެރި ކަމެކެވެ. އެއީ ގިނަ އަންހެނުން އެންމެ ދެކެން ބޭނުންވާ ވެސް ދުވަހެވެ. އަދި ދަރިފުޅު ދުނިޔެއަށް އައުމުން އަންހެނަކަށް އެލިބޭ އުފާވެރިކަމަކީ ގިނަ އަންހެނުންނަށް ބަޔާން ކޮށްދޭން ވެސް އުނދަގޫ އިހުސާސެކެވެ.
ނަމަވެސް އެ އުފާވެރިކަމާއެކު ބައެއް އަންހެނުން ކުރާ އެހެން ފިކުރެއްވެއެވެ. އެއީ މާބަނޑު ދުވަސްވަރު އަންހެންމީހާގެ ހަށިގަނޑަށް އަންނަ ބޮޑު ބަދަލާއި ބަރުދަން އިންތިހާއަށް އިތުރުވުމެވެ. މާބަނޑު ދުވަސްވަރު އިތުރުވާ ސަރުބީތައް އަވަހަށް ފިލުވާލަން ބައެއް އަންހެނުން ބޭނުންވެއެވެ. އަދި އެކަން ނުވެއްޖެނަމަ، އެކަމާ ހިތާމަ ކުރާ އަންހެނުން ވެސް މަދެއް ނޫނެވެ. ނަމަވެސް ގިނަ އަންހެނުންނަކީ ދަރިއަކު ލިބުމުން، ބަރުދަން ލުއިކުރަން ކަސްރަތު ކުރަން ތަނަކަށް ދެވޭވަރަށްވުރެ، ބުރަކޮށް އުޅޭ ބައެކެވެ.
ތިރީގައި އެވަނީ ވިހެއުމަށްފަހު އަވަހަށް ބަރުދަން ލުއިކުރަން ކުރެވިދާނެ ފަސޭހަ ކަންތައްތަކެކެވެ.
- ގާތުން ކިރުދިނުން
ދަރިފުޅަށް ގާތުން ކިރު ދިނުމަކީ ތުއްތު ދަރިފުޅަށް ވެސް ނުހަނު ފައިދާ ހުރި ކަމެކެވެ. ނަމަވެސް މިއީ މައިމީހާއަށް ވެސް އިތުރުވެފައި ހުންނަ ސަރުބީތައް ވިރުވާލާ، ފަސޭހައިން ބަރުދަން ލުއިކުރެވޭނެ ކަމެއްވެސް މެއެވެ.
އެގޮތުން 2008 ވަނަ އަހަރު އެމެރިކަން ޖޯނަލް އޮފް ކްލިނިކަލް ނިއުޓްރިޝަން އިން ކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވަނީ މާބަނޑު ދުވަސްވަރު ބަރުދަން އިންތިހާއަށް އިތުރުވެފައިވާ އަންހެނުން، ވިހެއުމަށްފަހު ހަ މަސްދުވަސް ވަންދެން ދަރިފުޅަށް ގާތުން ކިރުދީފިނަމަ ފަސޭހައިން ބަރުދަން ލުއިވާނެ ކަމަށެވެ.
- ހިނގަން ދިޔުން
ދަރިއަކު ލިބޭތާ ކައިރީގައި ކަސްރަތު ކުރަން ދިޔުމަކީ، ޚާއްސަކޮށް އަލަތު މައިންނަށް ކުރުން އެންމެ ބުއްދިވެރި ކަމެއް ނޫން ކަމުގައި ދިރާސާތަކުން ބުނެއެވެ. ނަމަވެސް ކަސްރަތެއް ކުރަން ބޭނުންނަމަ، ހިނގާލަން ދިޔުމަކީ ކުރުން ރަނގަޅުކަމެއް ކަމުގައި ސިއްހީ މާހިރުން ބުނެއެވެ.
އެގޮތުން ”މެޓަރނަލް ޗައިލްޑް ނަރސިންގް (އެމްސީއެން)“ އިން 2008 ވަނަ އަހަރު ލިޔުނު ރިޕޯޓެއްގައި ބުނެފައިވަނީ ދުވާލަކު މަދުވެގެން 30 މިނެޓު ހިނގާލަން ދިޔުމަކީ ވެސް ފަސޭހައިން ބަރުދަން ލުއިވެ އަދި މައިމީހާގެ މޫޑުވެސް ރަނގަޅަށް ހުންނަން ވަރަށް ބޮޑަށް އެހީވެދޭ ކަމެއްގެ ގޮތުގައެވެ.
- ގިނައިން ފެން ބުއިން
މާބަނޑު ދުވަސްވަރު ވެސް އަދި ވިހެއުމަށް ފަހުގައިވެސް ގިނައިން ފެން ބުއިމަކީ އަންހެންމީހާގެ ސިއްހަތައް ނުހަނު ފައިދާހުރި ކަމެއްގެ އިތުރުން ފަސޭހައިން ބަރުދަން ވެސް ލުއިވާނެ ކަމެކެވެ.
އެގޮތުން އެމެރިކަލް ކެމިކަލް ސޮސައިޓީ އިން 2010 ވަނަ އަހަރު ކޮށްފައިވާ ދިރާސާ ރިޕޯޓެއްގައި ބުނެފައިވަނީ ކެއުމުގެ ކުރިންނާއި ފަހުން ބައިތަށި ފެން ބުއިމުން ވެސް ބަރުދަން ލުއިވެދޭން އެހީތެރިވެދޭ ކަމަށާއި ނަމަވެސް އެންމެ އެދެވިގެންދާ ގޮތަކީ ވީހާވެސް ގިނައިން ފެން ބުއިން ކަމަށެވެ.




