ބޮލީވުޑްގެ މިހާރު އެންމެ ކުރީ ސަފުގައި ހިމެނޭ އެއްތަރި ކަމުގައިވާ ކްރިތީ ސެނޮން އަކީ އޭނާގެ ރީތިކަމާއި، އަހުލާގު ރަނގަޅުކަމާއި އަދި ހުނަރުވެރި އެކްޓްންގްއިން އަބަދުވެސް މިސާލު ދައްކާފައިވާ މަޝްހޫރު ފަންނާނެކެވެ.
އަމިއްލަ ޒާތީ ދިރިއުޅުމާ ބެހޭގޮތުން މާގިނަ ވާހަކަތަކެއް ހިއްސާކޮށްފައި ނުވި ކަމުގައިވިޔަސް، ދާދިފަހުން އޭނާވަނީ އޭނާގެ ބައެއް ތިމާގެ މީހުންނާ ގުޅޭގޮތުން އުފެދިފައި ހުރި ބައެއް ހިތްހަމަ ނުޖެހުންތަކުގެ ވާހަކަ ހިއްސާ ކޮށްފައެވެ.
އެގޮތުން ”ނިއުސް 18“ އަށް ދާދި ފަހުން ދިން އިންޓަވިއުއެއްގައި ކްރިތީ ބުނީ، އޭނާގެ ފުރަތަމަ ފިލްމު ”ހީރޯޕަންތީ“ ގެ ކާމިޔާބީއަށްފަހު ބައެއް ތިމާގެ މީހުން އޭނާއާއި އޭނާގެ ކޮއްކޮއާ ދެމެދު ތަފާތު ކުރި ކަމަށެވެ. އެގޮތުން ދެބެންގެ އުފަން ދުވަސް އައުމުން ދެބެންނަށް އުފަންދުވަހުގެ ތަހުނިޔާ ކިޔާ ގޮތްވެސް ތަފާތުކަން ފާހަގަ ކުރެވުނު ކަމަށް ކްރިތީ ބުންޏެވެ.
”އަހަރެންގެ ފިލްމު ކާމިޔާބުވުމުން އެމީހުން (ބައެއް ތިމާގެ މީހުން) އަހަރެންގެ ކޮއްކޮ ދުރުކޮށްލާ، ބާކީ ކޮށްލި. ބޮޑަށް އުޅުނީ އަހަންނާ ގާތްވެ،، އަހަންނަށް ހަދިޔާދީ އަހަރެން ގޮވައިގެން ތަންތަނަށް ވެސް ދެވޭތޯ. އެމީހުންގެ އެކަންތައްތައް އަހަންނަށް ކަމަކު ނުދިޔަ. އެހެންވެ ފަހަކަށްއައިސް އަހަރެން އަމިއްލައަށް އެމީހުންނާ ދުރުމިން ބެހެއްޓިން. އެއީ އަހަންނަށް އަބަދުވެސް އެންމެ މުހިންމީ އަހަރެންގެ ކޮއްކޮ“ ކްރިތީ ބުންޏެވެ.
ކްރިތީ ބުނީ އޭނާގެ ކޮއްކޮ ނުރޫރްގެ އުމުރުން އެއިރު އެންމެ 15 އަހަރުކަމަށާއި، ތިމާގެ މީހުން އެގޮތަށް ކަންތައް ކުރުމުން ނުޕުރް ކިތަންމެ ދެރަވިޔަސް އެކަން ނުދައްކާ ކަމަށެވެ. އަދި ނުޕުރް އަކީ އަބަދުވެސް ވަރަށް ހިތްވަރުގަދަ ކުއްޖެއްކަން ވެސް ކްރިތީ ފާހަގަ ކުރިއެވެ.
ކްރިތީ ސެނޮން އެންމެ ފަހުން ފެނިފައިވަނީ އޭނާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް ”ބްލޫ ބަޓަރފްލައި ޕްރޮޑަކްޝަންސް“ އިން އުފައްދާފައިވާ ”ދޯ ޕައްޓީ“ އިންނެވެ. އޭގައި އޭނާއާއެކު ދެން ފެނިގެން ދަނީ މަޝްހޫރު އެކްޓްރެސް ކާޖޮލް އެވެ. މިފިލް އިއްޔެ ނެޓްފްލިކްސްގައި ވަނީ ރިލީޒް ކޮށްފައެވެ.




