ދައުލަތުގެ ޚަރަދުތައް ފޫބެއްދުމަށް 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ހުށަހެޅުއްވި މި ސަޕްލިމެންތަރީ ބަޖެޓުގެ ޖުމްލައަކީ 5،119،508،129 (ފަސް ބިލިޔަން އެއް ސަތޭކަ ނަވާރަ މިލިޔަން ފަސްލައްކަ އަށްހާސް އެއް ސަތޭކަ ނަވާވީސް) ރުފިޔާއެވެ. އެގޮތުން ސަރުކާރުން ހުށައެޅުއްވި މި ބަޖެޓުގެތެރޭގައި ހިމެނެނީ ރިކަރަންޓް ޚަރަދުގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 3.5 ބިލިޔަން ރުފިޔާއެވެ.
މިއަދު ހުށަހެޅުއްވި މި ސަޕްލިމެންޓަރީ ބަޖެޓާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ މިއަހަރަށް ފާސްކޮށްފައިވާ ބަޖެޓަކީ ނިމިދިޔަ ސަރުކާރުން އެކުލަވާލާފައިވާ ބަޖެޓެއް ކަމަށާއި، ޚަރަދުތައް ކުޑަކޮށް ދެއްކުމަށްޓަކައި މި އަހަރުގެ ޖުލައި މަހުން ފެށިގެން ރިފޯމްތަކެއް އަންނާނެ ކަމަށް ބަލައިގެން ބަޖެޓު އެކުލަވާލިއިރު، އެ ރިފޯމްތައް އެކީގައި ތަންފީޒުކުރެވޭނެ ގޮތަށް އެކުލަވާލާ ފަރުމާ ކުރުމުގެ ޒިންމާ ނިމިދިޔަ ސަރުކާރުން އަދާކޮށްފައިނުވާކަމަށެވެ.
”ކުރީ ސަރުކާރާ ޚިލާފަށް، މި ސަރުކާރުން ސަޕްލިމަންޓް ހުށަހަޅާފައިވަނީ މާލިއްޔަތުގެ ގާނޫނުގައި ވާގޮތަށް ކުރިއަށް އޮތް މަސްތަކުގައި ހިނގާނެކަމަށް ލަފާކުރާ ޚަރަދުތައް ކުރިއާލައި ރައްޔިތުންގެ މަޖިލީހަށް އިއުލާނުކޮށް ހުއްދަ ހޯދުމަށް އެދުމުގެ ތެރެއިން“ ފިނޭންސް މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރު ވިދާޅުވީ، އަހަރުގެ މިހާ ހިސާބުގައި ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަނީ، މި އަހަރަށް ފާސްކޮށްފައިވާ 50 ބިލިއަން ރުފިޔާގެ ބަޖެޓު ޚަރަދުކޮށް ނިމުމުގެ ކުރިން، މާލިއްޔަތުގެ ގާނޫނުގައި ވާގޮތަށް ކުރިއަށް އޮތް މަސްތަކުގައި ހިނގާނެކަމަށް ލަފާކުރާ ޚަރަދުތައް ކުރިއާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ކަމަށެވެ.
ސަޕްލިމެންޓަރީ ބަޖެޓުގައި ހިމެނޭ މައިގަނޑު ދާއިރާތައް:
- ކޮންޓިންޖެންސީ ބަޖެޓު: 650 މިލިއަން ރުފިޔާ
- ސްޓޫޑެންޑް ލޯނު: 458 މިލިއަން ރުފިޔާ
- މެޑިކަލް ކޮންޒިއުމަބަލްސް: 200 މިލިއަން ރުފިޔާ
- ސަރުކާރު ހިއްސާވާ ކުންފުނިތައް: 441 މިލިއަން ރުފިޔާ
- ޕީއެސްއައިޕީގެ މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް ބޭނުންވާ 2 ބިލިއަން ރުފިޔާ
- އެންސްޕާ: 263 މިލިއަން ރުފިޔާ
- މުސާރަ: 24 މިލިއަން ރުފިޔާ
މީގެއިތުރުން ޓަރޝަރީ ހޮސްޕިޓަލްތަކުގެ ޚިދުމަތްތައް ފުޅާވެ، ލެބޯޓްރީ ޚިދުމަތްތައް ދިނުމަށް ބޭނުންކުރާ އިކުއިޕްމަންޓް އަދި މެޝިނަރީއަށް ބޭނުންވާ ރިއޭޖެންޓްތަކުގެ އަގުބޮޑުވެފައިވާތީ މި ބައިގެ ޚަރަދު ހިނގާ މިންވަރު ވަނީ ބަޖެޓުކުރި މިންވަރަށްވުރެ އިތުރުވެފައިވާ މިނިސްޓަރު ޒަމީރު ވަނީ ފާހަގަ ކުރައްވާފައެވެ.




