ގއ. ވިލިނގިލީ ގައި އުމުރުން ދުވަސްވީ އަންހެނެއްގެ ކޭޝްކާޑުން 25،000 ރުފިޔާ ވަގަށް ނެގި ދެމީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އުމުރުން ދުވަސްވީ އެއަންހެން މީހާގެ ކޭޝްކާޑުން އެއަތޮޅު މާމެންދޫގައި ހުންނަ ބީއެމްއެލްގެ އޭޓީއެމްއިން ފައިސާ ނަގާފައިވާ މައްސަލައެއް ރޭ 8:13 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
މި ރިޕޯޓާއި ގުޅިގެން ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި، ކާޑު ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ މީހުން މާމެންދޫން ވިލިނގިއްޔަށް ދަނިކޮށް ކަނޑުމަތިން ހުއްޓުވައި އެމީހުން ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއްވިއެވެ. އަދި އެމީހުން ދަތުހުކުރި ލޯންޗު ބަލައިފާސް ކުރިއިރު އެ ކޭޝްކާޑު ބޭނުން ކޮށްގެން ވަގަށް ނެގި ކަމަށް ބެލެވޭ 25،000 ރުފިޔާގެ ތެރެއިން 23،000 ރުފިޔާ ފެނިފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މިމައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ ގއ. ވިލިނގިލި ލައިފް މުޙައްމަދު ޝައިން ޝަމީޒް (22އ.) އާއި ލ. ގަން ތުނޑި ނޯތު ހެވަން ހަމްދޫން ޚަލީލް (24އ.) އެވެ.
މިމައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރައްވަމުންނެވެ



