ކެންސަރު ބައްޔަށް ފަރުވާ ކުރުމަށް ޚާއްސަ 25 ބުރީގެ އިމާރާތެއް އަޅަން ސަރުކާރުން ނިންމައިފިއެވެ.
މިކަމާގުޅޭގޮތުން މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ޙަލީމް ވިދާޅުވީ ކެންސަރު ހޮސްޕިޓަލަށް ޚާއްސަ އިމާރާތް އަޅާނީ ދަރުމަވަންތަ ހޮސްޕިޓަލާ އިންވެގެން އޮންނަ ބިމުގައި ކަމަށާއި، މިއީ 25 ބުރީގެ އިމާރާތެއްކަމަށެވެ.
މީގެއިތުރުން ޙަލީމް ވިދާޅުވީ އާބާދީ އިތުރުވި މިންވަރަށް މާލޭގައި، ސިއްޙީ ޚިދުމަތްތަކާއި އެނދުގެ އަދަދު އިތުރުކުރެވިފައި ނެތްކަމަށެވެ. އެހެންކަމުން މާލޭ ސަރަޙައްދުގައި ސިއްޙީ ޚިދުމަތްތައް ފުޅާކުރުމުގައި މިވަގުތު އެންމެ ބޮޑު އަމާޒެއް އޮތީ އެނދު އިތުރުކުރުމަށް ކަމަށް ވެސް ޙަލީމް ވިދާޅުވިއެވެ.
ތަފާސްހިސާބުން ދައްކާގޮތުގައި މިދިޔަ އަހަރުގެ ނިޔަލަށް މާލެ، ވިލިމާލެ ހުޅުމާލެ ހިމެނޭހެން ސަރުކާރު ހޮސްޕިޓަލްތަކުގެ ކެޕޭސިޓީއަކީ 316 އެނދެވެ. 1995ވަނަ އަހަރުން ފެށިގެން އިތުރުވީ 130 އެނދެވެ. މާލޭ ސަރަޙައްދުގެ އާބާދީ ދިވެހިންނާ ބިދޭސީން ހިމެނޭހެން 212،000އިން މައްޗަށް އަރައެވެ.
އެހެންކަމުން މި ދިޔަ 1 އަހަރު އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ އެނދުގެ އަދަދު އިތުރުކުރުމަށްކަމަށް ޙަލީމް ވިދާޅުވިއެވެ. އަދި ވޯޑާއި އީއާރްއާއި އެހެން ބައެއް ޚިދުމަތްތައް ހިމެނޭހެން މި އަހަރު ނިމުމުގެ ކުރިން އިތުރު 172 އެނދު ޚިދުމަތަށް ގެނެވޭނެކަމަށް މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ބުނެއެވެ.




