ޓިކްޓޮކްގައި މިހާރު އާންމުންގެ ސަމާލުކަން ވަރަށް ބޮޑަށް ހޯދާފައިވާ މަރިޔަމް ސަމާގެ ކަރު ބުރި ކޮށްލާނެ ކަމަށް ބުނެ އިންޒާރުދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ސަމާއަށް މަރުގެ އިންޒާރު ދީފައިވަނީ ޓިކްޓޮކް ލައިވްއެއްގެ ތެރެއިން ”އަސްލޭ“ ނަމަކަށް ކިޔާ އަންހެނެކެވެ. އޭނާ އެ އިންޒާރުދޭ ވީޑިއޯއެއް މިހާރު މީސްމީޑިއާގައި ދައުރުވަމުން އެބަދެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މީޑިއާތަކަށް މައުލޫމާތު ދިނުމަށް ހަދާފައިވާ ރަސްމީ ގްރޫޕުގައި މިއަދު ވިދާޅުވެފައިވަނީ ޓިކްޓޮކްގައި އަންހެނަކަށް މަރުގެ އިންޒާރު ދިން މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދައިލުމަށް ”ސައުވީސް“ އިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މަރުގެ އިންޒާރު ދިން ވީޑިއޯ މިހާރު މީސްމީޑިއާގައި ދައުރުވަމުންދާ ކަމަށާއި ފުލުހުންގެ ސަމާލު ކަމަށް އެކަން އައިސްފައިވަނީ ވެސް މީސްމީޑިއާ އިން ކަމަށެވެ. އަދި މިކަމާ ގުޅޭގޮތުން ރަސްމީކޮށް އެއްވެސް ފަރާތަކުން އަދި މައްސަލައެއް ހުށަހަޅާފައި ނުވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ސަމާއަކީ ޓިކްޓޮކް ލައިވްތަކުން ވަރަށް ގިނައިން ފެންނަ ފަރާތެކެވެ. އަދި އޭނާއަށް ބައެއް ފަހަރު ބުނެވޭ އެއްޗެހިން އެކި މީސްމީހުންނާއި ވަރަށް ގިނައިން ދެބަސްވާތަން ފެނެއެވެ. ނަމަވެސް ސަމާއަކީ ހާލުގައި ޖެހިފައިވާ ވަރަށް ގިނަ ފަރާތްތަކަށް ޓިކްޓޮކް ލައިވް މެދުވެރިކޮށް ފައިސާގެ އެހީތެރިކަން ވެސް ފޯރުކޮށްދީފައިވާ ފަރާތެއްކަން ވެސް ފާހަގަ ކޮށްލެވެއެވެ.



