ގެދޮރުވެރިޔާ ސްކީމާ ގުޅުވައިގެން ހަދާފައިވާ ފިޝިން ލިންކުތަކެއް އަދިވެސް ދައުރުވަމުންދާތީ، މިކަމަށް ސަމާލުވެ ރައްކާތެރިވުމަށް ފުލުހުންގެ އިލްތިމާސްކުރައްވައިފިއެވެ.
އެގޮތުން ފުލުހުން މިއަދު ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލައިފިކަމަށް ބުނެ، ސައްހަނޫން މައުލޫމާތު އެކުލެވޭ މެސެޖެއް ފިޝިންގ ލިންކަކާއެކު އަދިވެސް ދަނީ ދައުރު ކުރަމުން ކަމަށެވެ. އަދި މިފަދަ މެސެޖުތަކަށް ސަމާލުވުމަށާއި ލިންކުތަކަށް ނުފިތުމަށް ފުލުހުން އިލްތިމާސް ކުރައްވާފައިވެއެވެ.
މިފަދަ ސްކޭމް ލިންކުތަކާމެދު ސަމާލުވުމަށް މިމަހުގެ 15 ވަނަ ދުވަހު ވެސް ފުލުހުން ވަނީ އިލްތިމާސް ކުރައްވާފައެވެ. އެގޮތުން އެދުވަހު ނެރުނު ބަޔާނެއްގައި ފުލުހުން ވިދާޅުވީ މި ލިންކަކީ ”ގެދޮރުވެރިޔާ ސްކީމުން ފްލެޓުތަކަށް ފޯމުލުމުގެ ފުރުސަތު އެޗް.ޑީ.ސީ.އިން އަލުން ހުޅުވާލިކަމަށާއި ވެބްސައިޓުން ލިބެންހުންނާނެ“ ކަމަށް ބުނެ ސައްހަނޫން މައުލޫމާތު ހިމެނޭ މެސެޖަކާއެކު ދައުރުކުރަމުންދާ ލިންކެއް ކަމަށެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، މިފަދަ ލިންކުތައް އެކި ދުވަސްވަރު ދައުރުވެ، ގިނަ އަދަދެއްގެ ބަޔަކު މިފަދަ ލިންކުތަކުގެ ޝިކާރައަކަށް ވެފައިވާކަމަށެވެ. ހާއްސަކޮށް ގެދޮރުވެރިޔާ ސްކީމުން ބޯހިޔާވަހިކަން ލިބޭ މީހުންގެ މައުލޫމާތު އާންމުކުރުމަށް ދައުލަތުން ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި މިފަދަ ލިންކުތަކަށް ކްލިކްކުރާ މީހުންގެ އަދަދު އިތުރުވެދާނެކަމަށް ބެލެވޭ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
އެހެންކަމުން، ގެދޮރުވެރިޔާ ސްކީމާ ގުޅޭ މައުލޫމާތު ހޯދުމުގައި ދައުލަތުގެ ރަސްމީ ޕޯޓަލްތަކުން މައުލޫމާތު ޗެކްކުރެއްވުމަށް ސަމާލުކަން ދެއްވުމަށާއި އެ ބޭފުޅަކު ހިމެނިވަޑައިގަންނަވާ ސޯޝަލް މީޑިއާ ގްރޫޕެއްގައި މިފަދަ ލިންކެއް ދައުރުވާނަމަ ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރުގެ އީމެއިލް reportscam@police.gov.mv އަށް އަންގަވައިދެއްވުމަށް ފުލުހުން އެދިލައްވާފައިވެއެވެ. އޭގެ އިތުރުން، ޝައްކުކުރެވޭ މިފަދަ ލިންކެއް ލިބިވަޑައިގެންފިނަމަ، އެ އިތުރަށް ފޯވަރޑްކޮށް ޝެއަރ ނުކުރެއްވުމަށާއި ސްކޭމުން ރައްކާތެރިވުމަށް މިކުރާ މަސައްކަތްތަކުގައި އެއްބާރުލުން ދެއްވުމަށް ވެސް ފުލުހުން އެދިލައްވާފައިވެއެވެ.



