އ.ދ. ގެ ސަބްކޮމިޓީ އޮން ދަ ޕްރިވެންޝަން އޮފް ޓޯޗަރ (އެސް.ޕީ.ޓީ) ގެ 2025-2028 ވަނަ ދައުރަށް މެމްބަރުން އިންތިޚާބުކުރުމަށް މިއަދު ސްވިޓްޒަލޭންޑްގެ ޖެނީވާގައި ބޭއްވުނު އިންތިހާބު، ރާއްޖޭގެ ކެނޑިޑޭޓު އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛާ އައިޝާ ޝުޖޫން މުހައްމަދު ކާމިޔާބުކޮށް އެ ކޮމިޓީއަށް ހަތަރުވަނަ ދައުރަކަށް ހޮވިވަޑައިގެންފިއެވެ.
ފަނޑިޔާރު އަލްއުސްތާޛާ އައިޝާ ޝުޖޫން މުހައްމަދު ވަނީ މި އިންތިޚާބުގައި ވާދަކުރި ހުރިހާ ކެނޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓު ހޯއްދަވައިފައެވެ.
މިއީ 2010 ވަނަ އަހަރު އެކަމަނާ އެސް.ޕީ.ޓީ އަށް އެންމެ ފުރަތަމަ ހޮވިވަޑައިގެން ފަހުން މި މަގާމު އަދާކުރައްވާނެ ހަތަރު ވަނަ ދައުރެވެ. އެގޮތުން އެކަމަނާ ވަނީ 2021 އިން 2024 އަށް އެސް.ޕީ.ޓީގެ އެއް ދައުރު އަދި 2011 އާއި 2018 އާއި ދެމެދު ޖެހިޖެހިގެން ދެ ދައުރު އަދާކުރައްވާފައެވެ. އަދި މި މަޤާމުގައި ހުންނެވި އިރު އެކަމަނާ ވަނީ ވައިސް-ޗެއަރ އޮފް ޖުރިސްޕްރޫޑެންސްގެ މަޤާމްގެ އިތުރުން އެސް.ޕީ.ޓީ ގެ ރެޕަޓުއަރކަންވެސް ކުރައްވާފައިވެއެވެ.
މި އިންތިޚާބު އެކަމަނާ ކާމިޔާބު ކުރެއްވީ މި ކޮމިޓީގެ 12 ގޮނޑިއަށްކުރިމަތިލެއްވި 14 ކެންޑިޑޭޓުންނާ ވާދަކުރައްވައިގެންނެވެ. ފަނޑިޔާރު ޝުޖޫންއަކީ މަދަނީ ޖަމުއިއްޔާތަކުގައާއި ޝަރުއީ ދާއިރާގައި، އަދި ހާއްސަކޮށް އިންސާނީ ޙައްގުތައް ހިމާޔަތްކުރުމުގައި ތަޖުރިބާކާރު ބޭފުޅެކެވެ.
ދިވެހިރާއްޖެއިން އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އަގެއިންސްޓް ޓޯޗަރ (އޮޕްކެޓް) ގައި ބައިވެރިވީ މީގެ 19 އަހަރު ކުރިންނެވެ. ދިވެހިރާއްޖެއަކީ އޮޕްކެޓް އުފެއްދުމުގައި ބައިވެރިވި ފުރަތަމަ 20 ޤައުމުތަކުގެ ތެރޭގައި ހިމެނޭ އަދި އޮޕްކެޓްގައި ބައިވެރިވެފައިވާ އޭޝިއާގެ ފުރަތަމަ ސްޓޭޓް ޕާޓީއެވެ.
އެސް.ޕީ.ޓީ އަކީ އ.ދ ގެ އެންމެ ބޮޑު އެއް ހިއުމަން ރައިޓްސް ޓްރީޓީ ބޮޑީއެވެ. އަދި މިއީ 25 އިންޑިޕެންޑެންޓް އެކްސްޕާރޓުންނާއެކު އޮޕްކެޓް އިން އުފައްދާފައިވާ ބައިނަލްއަޤްވާމީ ބޮޑީއެކެވެ.




