ހުޅުމާލެ ހޮސްޕިޓަލު ހިންގާ ބިމުގައި 250 އެނދުގެ އައު ހޮސްޕިޓަލެއް އަޅަން ސަރުކާރުން ނިންމައިފިއެވެ.
މިކަމާ ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި، އެ ގްރޫޕްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވީ ހިދުމަތްތައް އިތުރުކުރިއަސް ބަލި މީހުން އެޑްމިޓްކުރާނެ އެނދު އިތުރުނުކޮށް އެންމެ އެކަށިގެންވާ ގޮތެއްގައި ހިދުމަތް ނުދެވޭނެ ކަމަށެވެ.
އެހެންކަމުން ހުޅުމާލެ ހޮސްޕިޓަލު މިހާރު ހިންގާ ހަ ބުރީގެ އިމާރާތާއި އިންވެގެން 250 އެނދު ހިމެނޭގޮތަށް 15 ބުރީގެ އައު ހޮސްޕިޓަލެއް އަޅަން ނިންމާފައިވާ ކަމަށް ހަލީމް ވިދާޅުވިއެވެ.
”މި ދެ މަޝްރޫއު އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ނިންމާލެވިއްޖެ ނަމަ ހުޅުމާލޭގައި މި ދިރިއުޅޭ ރައްޔިތުންނަށް އެކަށީގެންވާ ސިއްހީ ފަރުވާ ފޯރުކޮށްދެވޭނެ އަޅުގަނޑުމެންނަށް ހަމަޖެހިގެންދާނެ“ އެ ގްރޫޕްގެ ސީއީއޯ ވިދާޅުވިއެވެ.
މީގެއިތުރުން ހަލީމް ވިދާޅުވީ ހުޅުމާލޭގެ އާބާދީ އިތުރުވަމުންދާ ވަރަކަށް އެކްސިޑެންޓުތައް ގިނަވެ، އިމަޖެންސީ ރޫމަށް ވަރަށް ބާރުބޮޑުވަމުންދާ ކަމަށެވެ.



