އަހަރުގެ މިހާ ހިސާބުގައި ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަން މިޖެހުނީ ރައްޔިތުންގެ ކަންކަން ރަނގަޅަށް ކުރުމަށްޓަކައި ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން މިއަދު ވަނީ 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ. މި ބަޖެޓު ހުށަހަޅައިދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. ސަޕްލިމެންޓަރީ ބަޖެޓު ހުށަހަޅާ ނިމުމުން ދެން އޮތީ ހުށަހެޅި ބަޖެޓާ ގުޅޭގޮތުން މެންބަރުންގެ މެދުގައި ބަހުސް ކުރުމުގެ މަރުހަލާއެވެ.
ބަހުސް ކުރުމުގެ މަރުހަލާގައި ވާހަކަ ދައްކަވަމުން މުޙައްމަދު އިސްމާއިލް ވިދާޅުވީ ވާނުވާ ނޭނގޭ ގޮތަށް ދެ ބިލިއަނެއްހާ ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދު ކޮށްފައިވާކަމަށް ދާދި ފަހުން ބަންޑާރަ ނައިބާއި ފިނޭންސް މިނިސްޓަރު ވެސް ވިދާޅުވި ކަމަށެވެ.
އިދިކޮޅު އެމްޑީޕީގެ ބައެއް މެންބަރުންނަށް އިޝާރާތް ކުރައްވަމުން މުޙައްމަދު އިސްމާއިލް އިތުރަށް ވިދާޅުވީ އާސަންދައާއި އެންސްޕާގެ ބައެއް ބިލުތައް ނުދައްކާ ހުރި ވާހަކަ ދައްކާއިރު، އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކޮށްފައިވާ ކަމެއް ނޫން ކަމަށެވެ.
”އެ ހިދުމަތްތައް ރަނގަޅަށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި އަހަރުގެ މިހާ ހިސާބުގައި ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަން މިޖެހުނީ. މިއީ ރައްޔިތުންގެ ކަންކަން ރަނގަޅަށް ކުރުމަށްޓަކައި ކުރަން ޖެހުނު ކަމެއް“ އެމްޕީ މުޙައްމަދު އިސްމާއިލް ވިދާޅުވިއެވެ.
މީގެއިތުރުން ވިލިމާލެ ދާއިރާގެ މެންބަރު ވިދާޅުވީ ރައީސް މުޢިއްޒުގެ ސަރުކާރުގައި ރާއްޖޭގެ އެންމެހާ ކަންކަން (އިޖުތިމާއީ ކަންކަމާއި އިޤްތިޞާދީ ކަންކަން) ހަރުދަނާ ކުރުމަށް އެތައް ބައިވަރު މަގުތަކެއް ކޮށައި، އެތައް ބައިވަރު މަރުހަލާތަކެއް ކަނޑައްތު ކުރައްވާފައިވާ ކަމަށެވެ.




