އެއް އަހަރު ދުވަހަށް މުސާރައިގެ 10 ޕަސެންޓް ނުނަގަން އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހް ނިންމަވައިފިއެވެ.
ފަލާހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން 1 އަހަރު ދުވަހުގެ މުއްދަތަށް މުސާރައިން %10 އުނިކުރަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން މިއީ ގައުމުގެ އިޤްތިޞާދީ ހާލަތު ރަނގަޅުކޮށް އާމްދަނީ އިތުރުކޮށް ހަރަދު ކުޑަ ކުރުމަށް ރައީސް ޑރ. މުޢިއްޒު އަޅުއްވަމުން ގެންދަވާ މުހިންމު ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން އެޅުމަށް ނިންމި ފިޔަވަޅެއް ކަމަށް ފަލާހު ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް، އިގްތިޞާދީ އިސްލާހީ އެޖެންޑާގެ ދަށުން، ރައީސް ޑރ. މުޢިއްޒު ވަނީ ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމަވާފައެވެ. އެގޮތުން މުސާރަ އާއި ގުޅޭ ގޮތުން އެޅުމަށް ކަނޑައަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އެމަނިކުފާނު ވަނީ 2 އަހަރު ދުވަހަށް އެމަނިކުފާނުގެ މުސާރައިން %50 ކުޑަކުރުމަށާއި ސިޔާސީ މުވައްޒަފުންނާއި މަޖިލިސް މެންބަރުންގެ މުސާރައިން %10 އުނިކުރުމަށް ނިންމަވާފައެވެ.
އެމަނިކުފާނުގެ މިނިންމެވުމާއި ގުޅިގެން މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ރައީސްގެ ނިންމުމަށް އެއްބާރުލުން ދިނުމުގެ ގޮތުން މުސާރާއިން %50 އުނިކުރާނެ ކަމަށް ވިދާޅުވެފައެވެ.



