ރަޖިސްޓްރީ ނުކޮށް މީޑިއާއެއްގެ ގޮތުގައި ހިންގަމުން އަންނަ ”ދިޔަވަރު“ ވެބްސައިޓުން ދޮގު ހަބަރު ފަތުރަމުންދާތީވެ އެކަމަށް ސަމާލުވާން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އިލްތިމާސް ކޮށްފިއެވެ.
އެމްއެމްސީން މިއަދު އާއްމުކޮށްފައިވާ އެޑްވައިޒަރީއެއްގައި ބަޔާންކޮށްފައިވާ ގޮތުގައި މިއަހަރު އެމްއެމްސީ އަށް 77 ޝަކުވާއެއް ލިބިފައިވާއިރު، އޭގެތެރެއިން 63 މައްސަލައަކީ ”ދިޔަވަރު“ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ ލިޔުންތަކާއި ފޮޓޯތަކާއި ގުޅޭ ގޮތުން ހުށަހެޅާފައިވާ ޝަކުވާއެވެ.
އެމްއެމްސީން ހާމަކޮށްފައިވާ ގޮތުގައި އެ ޝަކުވާތައް ހުށަހަޅާފައިވަނީ ރައީސް އޮފީހާއި ސަރުކާރުގެ އެހެނިހެން އިދާރާތަކުންނެވެ.
”އެ ވެބްސައިޓާއި ދެކޮޅަށް ހުށަހެޅުނު 61 މައްސަލައަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުށަހަޅާފައިވާ ޝަކުވާތައް. އަދި ޕަބްލިކް ސާވިސް މީޑިއާގެ ފަރާތުން 1 ޝަކުވާއާއި މޯލްޑިވްސް މާކެޓިން ޕަބްލިކް ރިލޭޝަން ކޯޕަރޭޝަންގެ ފަރާތުން ވެސް ވަނީ 1 ޝަކުވާ ހުށަހަޅާފައި“ އެމްއެމްސީން ނެރުނު އެޑްވައިޒަރީގައި ބުނެފައިވެއެވެ.
މީގެއިތުރުން ކޮންމެ މައްސަލައެއްގެ ޝަކުވާ ފޯމުގައި، ދިޔަވަރުން ދޮގު ޚަބަރުތައް ފެތުރުމުގެ މަގުސަދަކީ ސަރުކަރާއި ރައީސާ މެދު ރައްޔިތުންގެ ހިތުގައި ނަފުރަތު އުފައްދައި ރައްޔިތުން އެ މަނިކުފާނަށް ކުރާ އިތުބާރު ގެއްލުވާލުން ކަމަށް ރައީސް އޮފީހުން ބުނެފައިވާ ކަމަށް އެމްއެމްސީން އާއްމުކޮށްފައިވާ އެޑްވައިޒަރީގައި ބުނެފައިވެއެވެ.
އެމްއެމްސީން
އެމްއެމްސީއަށް ޚަބަރަކާ ގުޅޭ ޝަކުވާ ހުށަހަޅާއިރު، އެއީ ހަގީގަތާ ޚިލާފު ޚަބަރެއްކަން ސާބިތު ކުރުމަށް ހެއްކާއި ލިޔެކިޔުން ހުށަހަޅަން ޖެހޭކަން ފާހަގަކޮށް އެކައުންސިލުން ބުނީ އެންމެ ޝަކުވާއެއް ފިޔަވައި އެހެން ޝަކުވާތަކަށް ރައީސް އޮފީހުން ލިޔުން ހުށަހަޅައިފައިނުވާ ކަމަށެވެ.
އެ ޝަކުވާތަކާއި ”ދިޔަވަރު“ ގައި ޝާއިއުކުރަމުން އަންނަ އެހެނިހެން ލިޔުންތައް ޝަކުވާ ބަލާ ކޮމިޓީން ބަލައި، ދިރާސާ ކުރިއިރު އެ ވެބްސައިޓުގައި އާންމުކޮށްފައިވާ ގިނަ ކޮންޓެންޓަކީ މީޑިއާ ކައުންސިލްގެ ޤާނޫނާއި ގަވާއިދާ މީޑިއާތަކުން އަމަލު ކުރަން ޖެހޭ އަހުލާގީ މިންގަނޑާ ހިލާފަށް ޝާއިއުކޮށްފައިވާ ލިޔުންތައް ކަމަށް ފާހަގަ ކުރެވިފައިވާ ކަމަށް އެމްއެމްސީން އިތުރަށް ބުނެފައިވެއެވެ.
އެހެންކަމުން މިކަންކަމަށް ރިއާޔަތްކޮށް ”ދިޔަވަރު“ ވެބްސައިޓަކީ ގިނަ އަދަދެއްގެ ހަގީގަތާއި ހިލާފު ހަބަރުތައް ފަތުރައި ހަގީގަތަށް ވާސިލު ވާން އެކަށިގެންވާ މަސައްކަތެއް ނުކުރާ އަދި ތެދާއި ދޮގު މަސްހުނިކޮށް ގިނަ އަދަދަކަށް މިސް އިންފޮމޭޝަން މުޖުތަމައު ތެރޭގައި ފަތުރަމުންދާ ވެބްސައިޓެއް ކަމަށް އެކައުންސިލްގެ ޝަކުވާ ބަލާ ކޮމީޓިއަށް ފާހަގަ ކުރެވިފައިވާތީ، އެކަން އާންމުންގެ ސަމާލުކަމަށް ގެނެސް، ސަމާލުވާން އެމްއެމްސީން ވަނީ އިލްތިމާސްކޮށްފައެވެ.
އެގޮތުން އެމްއެމްސީން ވަނީ އެ ވެބްސައިޓުގައި ޝާއިއުކުރާ ލިޔުންތަކާއި ފަތުރާ މައުލޫމާތުތައް އެހެން މީޑިއާ ވަސީލަތްތަކާއި އެހެނިހެން މަސްދަރުތަކުން ބަލައި ވެރިފައި ކުރުމަށް އިލްތިމާސް ކޮށްފައެވެ. އަދި ގިނަ އަދަދަކަށް މިސް އިންފޮމޭޝަން ފަތުރަމުންދާތީ އެވެބްސައިޓުން ޝާއިރު ކުރާ ލިޔުންތައް މީސްމީޑިއާ އާއި އެހެނިހެން ވަސީލަތްތަކުގައި ޝެއާކޮށް ނުފެތުރުމަށް ވެސް އެމްއެމްސީން ވަނީ އިލްތިމާސް ކޮށްފައެވެ.



