ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ދޫކުރެވިފައިވާ ގޯތި ލިބިފައިވާ ފަރާތްތަކުގެ މެދުގައި ގުރުއަތުނެގުން މިހިނގާ އޮކްޓޯބަރު މަހުގެ 29 ވާ އަންގާރަ ދުވަހު އޮންނާނެ ކަމަށް މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން ބުނެފިއެވެ.
އެގޮތުން އެ މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ ”ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން“ގެ ދަށުން އައިސްފައިވާ ބަދަލާގުޅިގެން، ކުރިން ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ލޮކޭޝަނަށް ބަދަލު އައިސްފައިވާ ކަމަށެވެ.
އެހެންކަމުން އެ ބަދަލާއި ގުޅިގެން ގޯތިތަކުގެ ވެރިފަރާތްތަކާއި މިހާތަނަށް ގުޅީފަޅުން ގޯތި ހަވާލުކޮށްފައިވާ ފަރާތްތަކުގެ އިތުރުން އެ މިނިސްޓްރީގެ ނަންބަރު (IUL)471-DNPS2/471/2024/37 (16 އޭޕްރިލް 2024) އިޢުލާނާއި ގުޅިގެން ގިރާވަރު ފަޅުން ލިބިފައިވާ ގޯތިތައް ގުޅީފަޅަށް ބަދަލު ކުރުމަށް އެދުނު ފަރާތްތަކުގެ މެދުގައި 4 ޖޫން 2024 ގައި ހައުސިންގް މިނިސްޓްރީއިން ނެގުނު ގުރުއަތުން، ގުޅީފަޅަށް ގޯތި ބަދަލުވެފައިވާ ފަރާތްތަކުގެ މެދުގައި ގުރުނެގުން 29 އޮކްޓޫބަރ 2024 ވާ އަންގާރަ ދުވަހު ދަރުބާރުގެ ރަންނަބަނޑޭރި މާލަމްގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.
ގުޅީފަޅުން ދޫކުރާ ގޯތީގެ އަދަދާއި ބޮޑުމިނުގެ ތަފްޞީލް:
- 1250 އަކަފޫޓުގެ 669 ގޯތި
- 1650 އަކަފޫޓުގެ 1234 ގޯތި
- 2050 އަކަފޫޓުގެ 916 ގޯތި
- 2450 އަކަފޫޓުގެ 473 ގޯތި
- 2850 އަކަފޫޓުގެ 158 ގޯތި
- 3250 އަކަފޫޓުގެ 49 ގޯތި
- 3650 އަކަފޫޓުގެ 21 ގޯތި
މީގެއިތުރުން ހައުސިންގް މިނިސްޓްރީން ބުނީ، ގުޅީފަޅުގެ ބިން ލިބޭ ފަރާތްތަކުގެ ގުރުނެގުމުގެ ކަންކަން ކުރިއަށް ގެންދާނީ އެ މިނިސްޓްރީން އެކުލަވާލާފައިވާ ލިސްޓުގައިވާ ތަރުތީބުން، އެ މިނިސްޓްރީން އެކަމަށް ކަނޑައަޅާފައިވާ މުވައްޒަފުން ކަމަށެވެ.
ގުޅީފަޅުން ބިން ލިބޭ ފަރާތްތަކުން ގުރުނެގުމަށް ހަމަޖެހިފައިވާ މާލަމަށް ވަދޭވޭނެ އިންތިޒާމުވާނީ ހަމަޖެހިފައިވާ ކަމަށާއި ބިން ލިބޭ ފަރާތެއްގެ ބަދަލުގައި އެހެން ފަރާތަކުން ޙާޟިރުވާން ބޭނުންނަމަ، ބިން ލިބޭ ފަރާތުގެ އިއުތިރާޒެއްނެތް ކަމުގެ ލިޔުމަކާ އައި.ޑީ.ކާޑްގެ ކޮޕީ އަކާއެކު ޙާޟިރުވުމަށް ހައުސިންގް މިނިސްޓްރީން ބުނެފައިވެއެވެ. މީގެ އިތުރުން، ގުރުނެގުމުގެ އިވެންޓް ކުރިއަށްދާވަގުތު ޕަބްލިކް މީޑިއާއިން ލައިވް ކުރެވިގެންދާނެ ކަމަށް ވެސް ބުނެފައިވެއެވެ.
ގުރުނެގުމަށް ފަށާގަޑިއަކީ 29 އޮކްޓޯބަރު 2024 ވާ އަންގާރު ދުވަހުގެ ހެނދުނު 9:00 ގައެވެ. ހައުސިންގް މިނިސްޓްރީން ބުނީ ގޯތިލިބޭ ފަރާތްތަކުގެ ގުރުނަގާ ނިމުމުން، ގޯތިތަކުގެ ރަޖިސްޓްރީ އާއި ބިން ލިބޭ ފަރާތްތަކާއެކުވާ އެއްބަސްވުން ތަކާއިގުޅޭ މަޢުލޫމާތު އެ މިނިސްޓްރީ އިން ފަހުން ޙިއްސާކުރެވޭނެއެވެ.



