ގިނަ މީހުން އޭނާ ފާހަގަ ކޮށްފައިވަނީ ޓިކްޓޮކް އާއި އެނޫން ވެސް މީސްމީޑިއާގެ މަންސަތަކުގައި ހިއްސާ ކުރާ ތަފާތު ވީޑިއޯ ތަކުންނެވެ.
މުއްސަނދި ދިރިއުޅުމެއް އެޅޭކަން ދައްކުވައިދޭ އެއޯން އޭނާގެ ގިނަ ވީޑިއޯތަކުގައި ފެންނަނީ ވިޔަފާރި ކުރަން ފިހާރައަކަށް ގޮސްފިނަމަ އެތަނުން ގިނަ އަދަދެއްގެ އެއްޗެހި ގަނެ، އޭނާގެ ތުއި އަދި ތޫލި އަޑުން ”ތެންކިޔު“، ”ތެންކިޔު ކަޓޭކީ“ އަދި ”އައި ވޯންޓް ދިސް ވަން“ ކިޔާ ފަރާތެއްގެ ގޮތުގައެވެ. މީގެއިތުތުން އޭނާގެ ހިދުމަތުގައި ގެންގުޅޭ މުވައްޒަފުންނަށް ވެސް އެއްޗެހި ހަދިޔާކޮށް، ކޮންމެ ދެ ނޭވާއަކު އެއް ފަހަރު އެމީހުންނަށް ޝުކުރު އަދާކުރާކަން ވެސް ފާހަގަވެއެވެ.
ޓިކްޓޮކް އާއި އިންސްޓަގްރާމް ގައި ވެސް މިލިއަނަކަށްވުރެ ގިނަ ފޮލޯވަރސް ހުރި އެއޯން އަކީ ހަގީގީ ދިރިއުޅުމުގައި ވެސް މުއްސަންޖެކެވެ. ނަމަވެސް އޭނާގެ އުޅުން ހަގީގީ ދިރިއުޅުމުގައި ތަފާތެވެ.
އެއޯން، ނުވަތަ އޭނާގެ އަސްލު ނަމުންނަމަ ސޮމްރުތާއި ސަންގްޝައިޕުމް، އަކީ ކުޅަދާނަ ބިޒްނަސްވުމަން އެކެވެ. ތައިލެންޑަށް އުފަން މި ޒުވާނާގެ އަމިއްލަ ވިޔަފާރިއެއް އޮވެއެވެ. އޭނާއަކީ ”ޕެރިން ޕޯޓަރ“ ގެ ފައުންޑަރ ގެ އިތުރުން ”އެސް.އެފް ބްރޭންޑްނޭމް“ ގެ ސީއީއޯ ވެސް މެއެވެ. މިއީ ތަނަވަސް ދިރިއުޅުމެއްގައި އުޅެން ބޭނުންވާ ފަރާތްތަކަށް ގިނަ ހިދުމަތްތަކެއްދޭ ދެ ކުންފުންޏެވެ. ކާމިޔާބު ވިޔަފާރިއެއް ހިންގުމުގެ އިތުރުން އެއޯން އަކީ ކާލްސްޓެޑް ޔުނިވަރސިޓީގައި މިހާރު ވެސް ތައުލީމު ހާސިލު ކުރަމުންދާ ފަރާތެއް ވެސް މެއެވެ.
އެއޯން އާ ބެހޭގޮތުން ލިޔެފައިވާ ބައެއް ރިޕޯޓުތަކުން ބުނާ ގޮތުގައި، އެހާ ސީރިއަސް ނޫން މިޒާޖެއް އޭނާ މީސްމީޑިއާގައި ދައްކުވައިދެނީ، އޭނާގެ ވިޔަފާރިތައް ކުރިއަރުވަން ބޭނުންކުރާ މާކެޓިންގް ސްޓްރެޓެޖީއެއްގެ ގޮތުގައެވެ. އަދި އޭނާ އެ ވީޑިއޯތަކުގައި އިޝްތިހާރު ކުރާ ތަކެއްޗަކީ ވެސް އޭނާގެ އަމިއްލަ ކުންފުނިތަކުން ވިއްކާ އެއްޗެހިކަން ރިޕޯޓުތަކުން ބުނެއެވެ.
އެއޯންގެ ފިރިމީހާއަކީ ވެސް ބިލިއަނަރެއް ކަމަށާއި އެއޯންގެ ނެޓްވޯތު އެކަނި ވެސް އަހަރެއްގެ މައްޗަށް 2.1 މިލިއަން ޑޮލަރަށް އަރާކަމަށް ރިޕޯޓުތަކުން ބުނެއެވެ.



