ގުޅީފަޅު ކައިރިން ދެ ލޯންޗު ޖެހި ރޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި 20 މީހުންގެ ތެރެއިން މިވަގުތު އައިޖީއެމްއެޗްގައި ފަރުވާ ދެނީ ދެ މީހުންނަށް ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ރޭގައި ވިދާޅުވީ ގުޅީފަޅު ކައިރިން ދެ ލޯންޗެއް ޖެހި އެކްސިޑެންޓެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓު ރޭ 19:34 ހާއިރު ލިބިފައިވާ ކަމަށެވެ. މިހާދިސާގައި އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗްއަށް ގެންގޮސްފައިވާ ކަމަށާއި އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫން ކަމަށް ވެސް އެ ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ވިދާޅުވެފައިވެއެވެ.
މިހާދިސާއާ ގުޅިގެން ”ސައުވީސް“ އަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މިހާދިސާގައި އަނިޔާ ލިބިގެން ފަރުވާ ދިނުމަށް އެ ހޮސްޕިޓަލަށް ރޭގައި ގެނައީ ޖުމްލަ 20 މީހުން ކަމަށާއި އޭގެ ތެރެއިން 18 މީހުންނަށް ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.
ބާކީ ތިބި ދެ މީހުންނަށް އެމަޖެންސީގައި އަދިވެސް ފަރުވާ ދެމުންދާ ކަމަށާއި އެމީހުންގެ ހާލާމެދު އަދާހަމައެއް މިއަދުގެ ވަގުތެއްގައި ޑޮކްޓަރުން ދެއްވާނެ ކަމަށް ބެލެވޭ ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.



