ތެލެސީމިއާ ކުދިންގެ ތެރެއިން މިއަހަރު އެކި ދުވަސްވެރު މަތިން ޖުމްލަކޮށް ފޮނުވި 14 ކުދިންގެ ތެރެއިން ތިން ކުއްޖެއްގެ ބޯންމެރޯ ފަރުވާ މުޅިން ނިމިއްޖެކަމަށް މޯލްޑިވިއަން ބްލަޑް ސަރވިސަސް އިން ބުނެފިއެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދޭ ”ރާއްޖެ މިއަދު“ އަށް މައުލޫމާތު ދެއްވަމުން މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ އެސޯސިއޭޓް ސްޕެޝަލިސްޓް އިން ޕީޑިއަޓްރިކް ޑރ.އަޙުމަދު ޢުމަރު ވިދާޅުވީ ބޯންމެރޯހެދުމަށް ޒަކާތު ފަންޑުގެ އެހީގައި މިއަހަރަށް ކަނޑައެޅި ހުރިހާ ކުދިން ފަރުވާއަށް ދިޔަ ކަމަށެވެ.
އެގޮތުން ފަރުވާއަށް ފޮނުވި ކުދިންގެ ތެރެއިން ދެ ކުއްޖަކު ފަރުވާ ފުރިހަމަ ކުރުމަށްފަހު މިހާރު ރާއްޖެ އެނބުރި އައިސްފައިވާ ކަމަށާއި އިތުރު އެއް ކުއްޖަކު ފަރުވާ ފުރިހަމަ ކުރުމަށްފަހު ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަސް ތެރޭގައި ރާއްޖެ އަންނާނެ ކަމަށް ބެލެވޭ ކަމަށެވެ.
ބޯންމެރޯ ހެދުމަށް ފޮނުވި ކުދިންގެ ތެރެއިން 10 ކުދިން ބޯންމެރޯ އޮޕަރޭޝަނަށްފަހު އިތުރު ފަރުވާ ފުރިހަމަކުރަމުންދާ ކަމަށާއި ފަރުވާއަށް އެކުދިން ތިން މަހާއި ހަ މަހުގެ މުއްދަތެއް ހޭދަކުރަން ޖެހޭ ކަމަށް ވެސް ޑރ. އުމަރު ވިދާޅުވިއެވެ.
ބޯންމެރޯ ހެދުމަށް ރާއްޖެއިން ބޭރަށް މިއަހަރު ދިޔަ 14 ކުދިންގެ ތެރެއިން އެއް ކުއްޖަކު ވަނީ ދާދި ފަހުން ނިޔާވެފައެވެ.




