ސަރުކާރު ހިންގާ މައިޕާޓީ ކަމުގައިވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އަމާޒާ އެއްގޮތަށް އެ ޕާޓީއަށް 75،000 މެންބަރުން ހަމަވާން ކައިރިވެފައިވާ ކަމަށް އެ ޕާޓީން މިއަދު ބުނެފިއެވެ.
ޕީއެންސީއަށް 75،000 މެންބަރުން މިއަހަރު ތެރޭގައި ހަމަކުރުމަކީ އެޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒެކެވެ.
މިކަމާ ގުޅޭގޮތުން ”ސައުވީސް“ އަށް މައުލޫމާތު ދެއްވަމުން އެ ޕާޓީގެ ސެކްރަޓަރީ ޖެނެރަލް ޒީނާޒް އަދުނާން ވިދާޅުވީ ރައީސްގެ އަމާޒު ހާސިލުވާނެ ކަމަށް ވަރަށް ޔަގީން ކުރެވޭ ކަމަށާއި އެގޮތުން މިހާރުވެސް ޕްރޮސެސިންގްގައި 65،000 ފޯމު ހިމެނޭ ކަމަށެވެ.
”ރައީސްގެ އަމާޒު ހާސިލު ކުރެވޭނެހެން ވަރަށް ހީވޭ. މިހާރުވެސް އަޅުގަނޑުމެން ވާނެ 65،000 ފޯމު ޕްރޮސެސިންގްއަށް ހުށަހަޅާފަ އަދި މެންބަރުން އިތުރު ކުރުމުގެ މަސައްކަތް އަދިވެސް ދަނީ ހަލުވިކަމާއެކު ކުރިއަށް“ ޒީނާޒް ވިދާޅުވިއެވެ.
މީގެއިތުރުން ޒީނާޒް ވިދާޅުވީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި މެންބަރުން އިތުރު ކުރުމުގެ ޑްރައިވްއިން މިހާރުވެސް ހަރަކާތްތެރިވަމުންދާ ކަމަށާއި އޭގެތެރޭގައި އައްޑޫސިޓީ ވެސް ހިމެނޭ ކަމަށެވެ. އަދި މިވަގުތު ޕާޓީއަށް ވަނުމަށް ފޯމުލާފައި ތިބި ފަރާތްތަކުގެ ތެރެއިން ޕްރޮސެސިންގެ މަސައްކަތް ނިމި، އޭގެތެރެއިން ޕީއެންސީއަށް ވަދެވޭ މެންބަރުންގެ ޖުމްލަ އަދަދު އެޕާޓީން ފަހުން އިއުލާނު ކުރައްވާނެ ކަމަށް ވެސް ޒީނާޒް ވިދާޅުވިއެވެ.



