އަންނަ އަހަރު އައްޑޫސިޓީގައި ޓޫރިޒަމް ސިމްޕޯޒިއަމެއް ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ރޭ ވިދާޅުވެއްޖެއެވެ.
އައްޑޫގެ ޓޫރިޒަމް ބްރޭންޑް ލޯންޗު ކުރުމަށް ރޭ ކެނަރީފް ރިސޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ މި ސިމްޕޯޒިއަމަކީ އައްޑޫގައި ޓޫރިޒަމަށް ހުރި ފުރުސަތުތަކާއި ވަޒީފާގެ ފުރުސަތުތައް ކިޔައިދިނުމަށް ޚާއްސަކޮށް ބޭއްވޭ ސިމްޕޯޒިއަމެއް ކަމަށެވެ.
މީގެއިތުރުން މިނިސްޓަރު ފައިސަލް ވިދާޅުވީ މިވަގުތަށް އެންމެ މުހިންމީ ޓޫރިޒަމަށް ހުރި ފުރުސަތުތަކަށް ރައްޔިތުންނަށް ހޭލުންތެރިވެ، މިކަމުގައި ހުރި ފުރުސަތުތައް ޒުވާން ޖީލަށް ކިޔައިދިނުން ކަމަށާއި ސުވާލަކީ އައްޑޫގައި ޓޫރިޒަމް ޑިވޮލޮޕްމެންޓް އިތުރުކުރާނީތޯ ނުވަތަ މިހާރު ހުރި އަދަދަށް އިތުރަށް ބްރޭންޑުކޮށް، ކަނެކްޓިވިޓީ އިތުރުކުރާނީތޯ ކަމަށެވެ.
އައްޑޫސިޓީގައި އަންނަ އަހަރު ޓޫރިޒަމް ސިންޕޯޒިމެއް ބޭއްވުމަށް ތައްޔާރުވަމުން އަންނައިރު މި ސިންޕޯޒިއަމް ލީޑު ކުރާނީ އެމްއެމްޕީއާރްސީން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
”މި ސިމްޕޯޒިއަމްގައި އިންޑިއާ އާއި ޗައިނާގެ ޓުއާ އޮޕަރޭޓަރުންނާއި އެއާލައިންތަކާއި އޮންލައިން ބުކިން ޕްލެޓްފޯމްތައް ބައިވެރިކުރާނަން. މިގޮތަށް މަސައްކަތް ކޮށްގެން ނޫނީއްޔާ ހަމަ ވަރަށް އުނދަގޫ ކަމަކަށް ވާނެ.“ ޓޫރިޒަމް މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރ ފައިސަލް ވިދާޅުވީ އައްޑޫގައި ހުރީ ޓޫރިޒަމްގެ ބޭނުމަށް 1،100 އެނދު ކަމަށާއި އެތަނުގައި އިތުރަށް އެނދު ތަރައްގީކުރަން، ގަން އިންޓަނޭޝަނަލް އެއާޕޯޓު ހިންގުމުގެ ހިއްސާ އޮންނަ ކާސާ ހޯލްޑިންސް އިން ބޭނުންވާ ކަމަށެވެ.


