މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމަށްފަހު، ބައިނަލްއަގުވާމީ ދަތުރުތަކަށް އަލުން ހުޅުވާލައިފިއެވެ.
މާފަރު އެއާޕޯޓު ފުރަތަމަ ހުޅުވާފައި ވަނީ 2019 ޑިސެންމަރު މަހުގެ 1 ވަނަ ދުވަހުއެވެ. އޭގެ ފަހުން 2020 ޖުލައި މަހުގެ 1 ވަނަ ދުވަހު ބައިނަލްއަގުވާމީ ދަތުރުތަކަށް އެ އެއާޕޯޓު ހުޅުވާލާފައިވާއިރު، މިދިޔަ އަހަރުގެ މެއި މަހު ރަންވޭ ބޮޑުކުރުމަށްޓަކައި ބައިނަލްއަގުވާމީ ދަތުރުތައް ވަނީ މެދު ކަނޑާލާފައެވެ.
ރަންވޭގެ މަސައްކަތްތައް ނިންމައި އެއާޕޯޓު އަލުން ހުޅުވާފައިވާއިރު، ރަންވޭގެ ދިގުމިން 2،800 މީޓަރަށް ބޮޑުކޮށް 650 މީޓަރު ވަނީ އިތުރުކޮށްފައެވެ.
މީގެ ކުރިން އެ އެއާޕޯޓުގައި ރަންވޭގައި ގާތްގަނޑަކަށް 2,300 މީޓަރު ހުރިއިރު އެ އެއާޕޯޓަށް އޭ320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖައްސައެވެ. އައިލެންޑް އޭވިއޭޝަނުން ހާމަކޮށްފައިވާ ގޮތުގައި ރަންވޭ ބޮޑުކުރުމާއެކު ބޮއިން 777 މަރުކާގެ ބޯޓުތަކަށް ވެސް ޖެއްސޭނެއެވެ.
ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ޖެޓު ސައްސާ އެއް އެއާޕޯޓަށް މާފަރު އެއާޕޯޓުވާއިރު، އެމްޓީސީސީއާ ހަވާލުކޮށްގެން އެ އެއާޕޯޓުގެ އޭޕްރަން ބޮޑުކުރުމުގެ މަޝްރޫއު ވެސް މިހާރު ދަނީ ކުރަމުންނެވެ. މިއީ މަޝްރޫއަކީ 29.85 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
މިމަޝްރޫއުގެ ދަށުން މާފަރު އެއާޕޯޓުގެ އޭޕްރަން ބޮޑު ކުރުމުން އެއްފަހަރާ 26 ޖެޓް ޕާކު ކުރުމުގެ ކެޕޭސިޓީ ހުންނާނެއެވެ.
އަހަރެއްގެ މައްޗަށް އެވްރެޖްކޮށް 700 އެއާ ޓްރެފިކް މޫވްމަންޓްސް ރެކޯޑުކުރެވޭއިރު، މިއެއާޕޯޓު ހަދާފައި ވަނީ އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން 60 މިލިއަން ޑޮލަރު ޚަރަދު ކޮށްގެންނެވެ.
އައިލެންޑް އޭވިއޭޝަނުން އޮޕަރޭޓުކުރާ މި އެއާޕޯޓަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފަހު ރާއްޖޭގައި ހެދި އެންމެ ބޮޑު އެއާޕޯޓެވެ.




