ރާއްޖޭގެ ބޮޑީބިލްޑިންގެ އެންމެ ޝަރަފުވެރި މުބާރާތް ކަމުގައިވާ ”މިސްޓަރ މޯލްޑިވްސް 2024“ ގެ މަގާމު މިއަހަރު މުޙައްމަދު ނަހްޔާން ހޯދައިފިއެވެ.
މިދިޔަ އަހަރު މި މަގާމު ހާސިލުކޮށްފައިވަނީ މުޙައްމަދު ޔާމީނެވެ. ނަމަވެސް މި އަހަރުގެ މުބާރާތުގައި އޭނާ ވާދައެއް ނުކުރެއެވެ. ނަހްޔާން މިމަގާމު ހާސިލުކުރީ ޝާހީން އިބްރާހީމް ދީދީއާ ވާދަކޮށެވެ.
މިސްޓަރ މޯލްޑިވްސްގެ މަގާމު ނަހްޔާން ކާމިޔާބު ކޮށްފައިވާއިރު، މިއަހަރުގެ މިސްޓަ މޯލްޑިވްސްގައި އެންމެ ވާދަވެރި އިވެންޓުތަކުގެ ތެރެއިން އެތުލެޓިކް ފިޒީކްގެ ޗެމްޕިއަންކަން ހޯދާފައިވަނީ ދިވެހި ސިފައިންގެ ކުލަބުގެ އަބްދުﷲ އަހުސަނެވެ. އަދި ސްޕޯޓްސް ފިޒީކްގެ ޗެމްޕިއަންކަން ހޯދާފައިވަނީ ޕޮލިސް ޖިމްގެ އަޒްނީން ރަޝާދެވެ. މިއީ އޭނާ މި މަގާމު ޖެހިޖެހިގެން ހޯދި ފަސްވަނަ އަހަރެވެ.
މިއަހަރުގެ މިސްޓަ މޯލްޑިވްސްގެ ޓީމް ޗެމްޕިއަންޝިޕުގެ އެއްވަނަ ހޯދާފައިވަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ދިވެހި ސިފައިންގެ ކުލަބެވެ. ބޮޑީބިލްޑިން އަޕްޓު 85 ކިލޯގްރާމް ކެޓަގަރީގެ އެއްވަނަ ވެސް ފޯޖް ޖިމްގެ މުޙައްމަދު ނަހްޔާން ހާން ހޯދިއިރު، އެތުލެޓިކް ފިޒީކް އަޕްޓު 180 ސެންޓިމީޓަރ ގެ އެއްވަނަ ހޯދާފައިވަނީ ދިވެހި ސިފައިންގެ ކުލަބުގެ ހުޒާމް ހަމީދެވެ.


