ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި މަސްތުވާތަކެތި ބޭނުންކުރި މީހުންގެ ތެރެއިން އެންމެ ގިނައީ އުމުރުން 25 އަހަރާއި 35 އަހަރާ ދެމެދުގެ މީހުން ކަމުގައި ފުލުހުން ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއިން ރޭގައި ގެނެސްދިން ”ރާއްޖެ މިއަދު“ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ފުލުހުންގެ ޑްރަގު އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ނާހިދު ޙުސައިން ވިދާޅުވީ ރާއްޖޭގައި އެންމެ ގިނައިން މަސްތުވާ ތަކެތި ބެނުންކުރާ އުމުރުފުރާއަކީ އުމުރުން 25 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންކަމަށެވެ. ދެވަނައަށް އެންމެ ގިނައީ އުމުރުން 35 އަހަރާއި 55 އަހަރުގެ މީހުންކަމަށެވެ. އަދި ތިންވަނަ އަަށް އެންމެ ގިނައީ އުމުރުން 18 އަހަރާއި 25 އަހަރުގެ މީހުންކަން ވެސް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ނާހިދު ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭ ރާއްޖޭގައި 8355 މީހުން މަސްތުވާތަކެތި ބޭނުން ކުރިކަން ފާހަގަކުރެވިފައިވާކަމަށާއި މިގޮތުން 7961 ފިރިހެނުންނާއި 394 އަންހެނުން ހިމެނޭކަމަށް ނާހިދު ވިދާޅުވިއެވެ.
ނާހިދު އިތުރަށް ވިދާޅުވީ ދުނިޔޭގެ މާކެޓުގައި އުޅޭ ހުރިހާ ބާވަތެއްގެ މަސްތުވާތަކެތި ވެސް މިހާރު ރާއްޖޭގައި ބޭނުން ކުރަމުން އަންނަ ކަމަށާއި ގިނަ އަދަދެއްގެ ޕާޓީ ޑްރަގްސް ވެސް ބޭނުންކުރާކަން ފާހަގަވެފައިވާ ކަމަށެވެ.


