ދަނޑުވެރިކަމުގެ ބޭނުމަށް ގދ. ކަންނިގިއްލާ ކުއްޔަށް ދޫކުރަން އިއުލާންކޮށްފިއެވެ.
ހޯނޑެއްދޫ ކައުންސިލުން މިދިޔަ ހަފްތާގައި އާއްމުކޮށްފައިވާ އިއުލާނެއްގައި ވަނީ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އިންވެސްޓަރުން ދަނޑުވެރިކަމުގެ ބޭނުމަށް ގދ. ކަންނިގިއްލާ ކުއްޔަށް ހިފުމަށް ހުޅުވާލާފައެވެ.
ކައުންސިލުން ބުނެފައިވާ ގޮތުގައި ބޮޑުމިނުގައި 430,000 އަކަފޫޓު ހުންނަ ކަންނިގިއްލާގައި ދަނޑުވެރިކަމުގެ އިތުރުން، ދިރޭތަކެތި ގެންގުޅުމާއި މެރިކަލްޗާގެ މަސައްކަތް ވެސް ކުރެވޭނެއެވެ.
އަންނަ މަހުގެ 10 ގެ ކުރިން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އީއައިއޯ ހުށަހެޅުމަށް ހުޅުވާލާއި ކައުންސިލުން ބުނީ ބިޑު ހުށަހެޅުމުގެ އެންމެ ފަހު ދުވަހަކީ ނޮވެންބަރު 21 ކަމަށެވެ.
ކައުންސިލުން ހާމަކޮށްފައިވާ މިމަޝްރޫއުގެ އަމާޒަކީ އެސަރަހައްދުގެ ދަނޑުވެރިކަން ކުރި އަރައި، އިގްތިސާދީ ކުރިއެރުންތައް ހޯދުން ކަމަށެވެ.
ހޯނޑެއްދޫއާއި މަޑަވެލީގެ ދެމެދުގައި ދެ ރަށާ އެއް ފަޅެއްގައި އޮންނަ ކަންނިގިއްލާއަކީ 2012 ވަނަ އަހަރު ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންގެ ވެރިކަމުގައި ރިސޯޓު ތަރައްގީކުރަން ކަނޑައަޅާފައިވާ ރަށްތަކުގެ ތެރެއިން ރަށެކެވެ.



