އިޒްރޭލުން އީރާނަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފިއެވެ.
ރާއްޖޭގެ ޚާރިޖީ ވުޒާރާއިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އިޒްރޭލުން އިރާނަށް ދިން ހަމަލާ ކުށްވެރިކުރާ ކަމަށާއި މިއީ ބައިނަލްއަގްވާމީ ގާނޫނުތަކާއި އުސޫލުތަކާ ހިލާފަށް ދިން ހަމަލާއެއް ކަމަށެވެ.
ރާއްޖޭއިން ވަނީ ސަރަޙައްދުގެ ހަމަޖެހުމާއި އިސްތިގުލާލަށް ނުރައްކާވާ ފަދަ ގޮތަކަށް ހިނގަމުންދާ އަމަލުތައް ހުއްޓާލުމަށާއި ހުރިހާ ފަރާތްތަކަކުން ވެސް ބައިނަލްއަގުވާމީ ގާނޫނުތަކަށް އިހުތިރާމް ކުރުމަށް ގޮވާލާފައެވެ.
އިޒްރޭލުން އީރާނަށްދޭ ހަމަލާގައި މިހާތަނަށް އިރާނުގެ ސިފައިންގެ ދެ މީހަކު ވަނީ މަރުވެފައެވެ. އިޒްރޭލުން ބުނެފައިވާ ގޮތުގައި މިއީ މިމަހުގެ 1 ވަނަ ދުވަހު އީރާނުން އިޒްރޭލަށް ދިން ހަމަލާގެ ބަދަލު ހިފަން ދޭ ހަމަލާތަކެކެވެ.
ޖުމްލަ 100 ފައިޓާޖެޓް ބޭނުން ކޮށްގެން ސީރިއާވެސް ހިމެނޭހެން އިޒްރޭލުން ދީފައިވާ މިހަމަލާތައް އީރާނުގައި ހުންނަ އަސްކަރީ މަރުކަޒުތަކާއި މިސައިލް އުފައްދާ ކާރުހާނާތަކަށް އަމާޒުކޮށްފައިވީ ނަމަވެސް އީރާނުން ބުނީ، 3 ސަރަހައްދެއްގައި ހުންނަ އަސްކަރީ މަރުކަޒުތަކަށް ހަމަލާ އަމާޒުވި ކަމަށާއި، އެތަންތަނަށް ލިބުނީ ކުޑަކުޑަ ގެއްލުމެއް ކަމަށެވެ.
އިޒްރޭލުން އީރާނަށް ހަމަލާދޭން ފަށާފައިވާއިރު، އެގައުމުން އަންނަނީ ހުއްޓުމެއް ނެތި ލުބްނާނުގެ އެކި ސަރަހައްދުތަކަށް ވެސް ވައިގެ ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އެ ހަމަލާތަކުގައި ލުބްނާނުން މިހާތަނަށް 1،000 އަށް ވުރެއް ގިނަ މީހުން މަރުވެފައިވާއިރު، 100،000 އަށް ވުރެއް ގިނަ މީހުން ވަނީ ގައުމު ދޫކޮށް ސީރިޔާއަށް ވެސް ގޮސްފައެވެ.




