ވިލިމާލޭ ހޮސްޕިޓަލުގައި ދަތުގެ ފަރުވާތަކުގެ ހިދުމަތް ދޭން ފަށައިފިއެވެ. މި ހިދުމަތް އިފްތިތާހު ކުރުމަށް މިރޭ އެ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ ނާޒިމްއެވެ. އަދި މި ރަސްމިއްޔާތުގައި މާލެސިޓީ ގްރޫޕް އޮފް ހޮސްޕިޓަލުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ވިލިމާލެ ހޮސްޕިޓަލުގައި އަލަށް ތަޢާރަފް ކުރެވުނު މި ހިދުމަތާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެ ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯ މުޙައްމަދު މަބްރޫކް ވިދާޅުވީ، މި ހިދުމަތަކީ ކޮންމެ ހަފްތާއަކު ވަކި ދުވަސްތަކެއްގައި އެ ހޮސްޕިޓަލުން ދޭނެ ހިދުމަތެއް ކަމަށާއި މިވަގުތު މިހިދުމަތް ދޭނީ އައިޖީއެމްއެޗްގެ ޑެންޓަލް ޑިޕާޓްމަންޓާ ގުޅިގެން ކަމަށެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރ ނާޒިމް ވިދާޅުވީ މާލެސިޓީގެ ހޮސްޕިޓަލުތައް އެއް ކުޑައެއްގެ ދަށުން ހިންގަން ނިންމުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ވަރަށް ރަނގަޅު އަދި އެހާމެ ފައިދާ ހުރި ނިންމުމެއް ކަމަށެވެ.

”އެމަނިކުފާނު ވެރިކަމަށް ހޮވިވަޑައިގަތުމަށްފަހު ޓްރާންސިޝަން ޕީރިއަޑްގައި ވެސް އެންމެ ފުރަތަމަ ކުރެއްވި ކަމަކީ ރައްޔިތުންނަށް ދޭ ސިއްޙީ ހިދުމަތްތައް ހުންނަ ގޮތް ބައްލަވާލެއްވުން. އެގޮތުން އެންމެ ފުރަތަމަވެސް ނިންމެވީ ވިލިމާލޭގެ ސިއްހީ ހިދުމަތްތައް ރަނގަޅު ކުރުން. އެކަމުން ވެސް ދައްކުވައިދެނީ އެމަނިކުފާނުގެ ހިތްޕުޅުގައި ވިލިމާލޭގެ ރައްޔިތުންނާ ދޭތެރޭ އޮތް ލޯތްބާއި އޯގާތެރިކަން ބޮޑުކަން“ މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.
ވިލިމާލޭ ހޮސްޕިޓަލުގައި ދަތުގެ ހިދުމަތް ދޭން ފަށާއިރު، ވިލިމާލޭގައި 100 އެނދުގެ ޓަރޝިއަރީ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތްތައް ވެސް ދަނީ ކުރަމުންނެވެ. އެގޮތުން އެ ހޮސްޕިޓަލަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އިމާރާތް ކުރެވޭ ހޮސްޕިޓަލެއް ކަމަށާއި ހޮސްޕިޓަލު އަޅާނެ ބިންވެސް މިހާރު ލިބިފައިވާ ކަމަށް މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިލިމާލެ ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯ މަބްރޫކް ވިދާޅުވިއެވެ.



