ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯގެ) 552 މުވައްޒަފުން ލީޑަރޝިޕް އެންހޭންސްމަންޓް ޕްރޮގްރާމް ފުރިހަމަކޮށްފިއެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ޕްރޮގްރާމަކީ ކޮންމެ މުވައްޒަފަކަށްވެސް ވަރަށް މުހިންމު ޕްރޮގްރާމެއްކަން ސާބިތުވެފައިވާ ކަމަށެވެ.
އެގޮތުން ވިޔަފާރީގައާއި ދުވަހުން ދުވަހަށް އަދާކުރަންޖެހޭ ޒިންމާތަކުގައި ކާމިޔާބު ހޯދުމަށް ބޭނުންވާ ހުނަރުތައް މިޕްރޮގްރާމުން ތަމްރީނުކޮށް އިތުރުކޮށްދީފައިވާ ކަމަށް ފަހުމީ ވިދާޅުވިއެވެ.
ފަހުމީ އިތުރަށް ވިދާޅުވީ މިހާތަނަށް އެކުންފުނީގެ 552 މުވައްޒަފުން މިޕްރޮގްރާމުން ތަމްރީނު ކުރެވުމަކީ އެކުންފުންޏަށް ލިބިގެންދާ ވަރަށް ބޮޑު އުފަލެއް ކަމަށާއި މީގެން ސްޓެލްކޯގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ކުރިއަރުވުމަށް ކުރެވޭ މަސައްކަތް އިތުރަށް ހަރުދަނާކުރެވިގެންދާނެ ކަމަށެވެ.
މި ތަޞައްވުރު ހާސިލުކުރުމަށް އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވާ ފަހުމީ ވަނީ މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތުން ލިބިލެއްވި އެހީތެރިކަމަށް ވަކިން ޚާއްސަކޮށް ޝުކުރު ދަންނަވާފައެވެ.




