”ބިންވެރިޔާ ސްކީމް“ ގެ ދަށުން ގުޅީފަޅުން ބިން ލިބޭ ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގަން ފަށާނީ މިނިސްޓްރީ އޮފް ހައުސިންގް ލޭންޑް އެންޑް އަރބަން ޑިވެލޮޕްމެންޓުން އާންމުކޮށްފައިވާ (ބިން ލިބޭ ފަރާތްތަކުގެ) ލިސްޓު ތަރުތީބުން ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން އިއްޔެ ވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ދޫކުރެވިފައިވާ ގޯތި ލިބިފައިވާ ފަރާތްތަކުގެ މެދުގައި ގުރުއަތުނެގުން މިހިނގާ އޮކްޓޯބަރު މަހުގެ 29 ވާ އަންގާރަ ދުވަހު އޮންނާނެ ކަމަށް އިއުލާނު ކޮށްފައެވެ. އަދި އެ އިއުލާނާއެކު، ބިންލިބޭ ފަރާތްތަކުގެ ނަމާއި އެހެނިހެން ތަފްސީލު ހިމެނޭ ލިސްޓެއްވެސް އެއްކަރުދާސް ކޮށްފައިވެއެވެ.
ހައުސިންގް މިނިސްޓްރީގެ އެ އިއުލާނާ ގުޅުވައި މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ގުރުނެގުމަށްޓަކައި ގުޅީފަޅުން ދޫކުރެވިފައިވާ ހަތް ކެޓަގަރީއަށް ނިސްބަތްވާ ގޯތިތަކުގެ އަކަފޫޓުގެ ތަރުތީބުން ވަކިވަކި ފޮށިތައް ޚާއްސަ ކުރެވިފައިވާނެ ކަމަށެވެ.
ގުޅީފަޅުން ދޫކުރާ ގޯތީގެ އަދަދާއި ބޮޑުމިނުގެ ތަފްޞީލް:
- 1250 އަކަފޫޓުގެ 669 ގޯތި
- 1650 އަކަފޫޓުގެ 1234 ގޯތި
- 2050 އަކަފޫޓުގެ 916 ގޯތި
- 2450 އަކަފޫޓުގެ 473 ގޯތި
- 2850 އަކަފޫޓުގެ 158 ގޯތި
- 3250 އަކަފޫޓުގެ 49 ގޯތި
- 3650 އަކަފޫޓުގެ 21 ގޯތި
މިގޮތުން ކޮންމެ ފޮއްޓެއްގައި ހިމެނޭ ފަރާތްތަކުގެ ލިސްޓު އެކުލަވާލާފައިވަނީ އެފޮއްޓަކަށް ޚާއްސަ ކުރެވިފައިވާ ފޯމު ނަންބަރުގެ ތަރުތީބުން ކަމަށް ވެސް ހައުސިންގް މިނިސްޓްރީން ބުނެފައިވެއެވެ.
ޅީފަޅުން ބިން ލިބޭ ފަރާތްތަކުން ގުރުނެގުމަށް ހަމަޖެހިފައިވާ މާލަމަށް ވަދޭވޭނެ އިންތިޒާމުވާނީ ހަމަޖެހިފައިވާ ކަމަށާއި ބިން ލިބޭ ފަރާތެއްގެ ބަދަލުގައި އެހެން ފަރާތަކުން ޙާޟިރުވާން ބޭނުންނަމަ، ބިން ލިބޭ ފަރާތުގެ އިއުތިރާޒެއްނެތް ކަމުގެ ލިޔުމަކާ އައި.ޑީ.ކާޑްގެ ކޮޕީ އަކާއެކު ޙާޟިރުވުމަށް ހައުސިންގް މިނިސްޓްރީން ބުނެފައިވެއެވެ. މީގެ އިތުރުން، ގުރުނެގުމުގެ އިވެންޓް ކުރިއަށްދާވަގުތު ޕަބްލިކް މީޑިއާއިން ލައިވް ކުރެވިގެންދާނެ ކަމަށް ވެސް ބުނެފައިވެއެވެ.
ގުރުނެގުމަށް ފަށާގަޑިއަކީ 29 އޮކްޓޯބަރު 2024 ވާ އަންގާރު ދުވަހުގެ ހެނދުނު 9:00 ގައި ދަރުބާރުގޭ ރަންނަބަނޑޭރިމާލަމުގައެވެ.




