ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޓެކްސް ބޮޑުކުރުމުގެ ބިލްތައް ދިރާސާ ކުރާ ކޮމިޓީގެ މުގައްރިރަކަށް މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އަދި ނައިބު މުގައްރިރަކަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު މިއަދު އިންތިހާބުކޮށްފިއެވެ.
އެ ކޮމިޓީގެ މުގައްރިރު އަދި ނައިބު މުގައްރިރު ހޮވާފައި ވަނީ މިއަދު ބޭއްވި މާލިއްޔަތު އަދި އިގްތިސޯދީ ކޮމިޓީގެ ޖޮއިންޓް ބައްދަލުވުމުގައެވެ. މިއީ އެ ބިލުތަކުގެ މަސައްކަތް ކުރުމަށް ބޭއްވި ކޮމިޓީއެކެވެ.
ސަރުކާރުން ހުށަހަޅާފައިވާ ޓެކްސް ބޮޑުކުރުމުގެ ބިލްތައް ދިރާސާ ކުރާ ކޮމިޓީގެ މުގައްރިރަކަށް ގާސިމް އަދި ނައިބަކަށް ފަޒާދު ހޮވުމަށް ކޮމިޓީއަށް ނަން ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދައިރާގެ މެންބަރު އިބްރާހިމް ޝުޖާއުއެވެ. މި ދެ ބޭފުޅުން އެ މަގާމަށް ހޮވިވަޑައިގަތީ ކޮމިޓީއަށް އެވަގުތު ހާޒިރުވެތިބި މެންބަރުންގެ އަގުލަބިއްޔަތުންނެވެ.
ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ހާލަތު ރަނގަޅު ކުރުމަށް މި ސަރުކާރުން ވަނީ ތިން ޓެކުހެއް ބޮޑު ކުރުމަށްޓަކައި ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައެވެ.
އެއީ:
- ފަތުރުވެރިންގެ އަތުން ގްރީން ޓެކްސް ނަގާ އަދަދު 12 ޑޮލަރާ ހަމައަށް ބޮޑުކުރަން ޓޫރިޒަމްގެ ގާނޫނަށް ގެންނަން އުޅޭ އިސްލާހާއި
- ފަތުރުވެރިކަމުގެ ދާއިރާ އިން ނަގަމުން އަންނަ ޓީޖީއެސްޓީ %17 އަށް ބޮޑުކުރަން މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ގެންނަން އުޅޭ އިސްލާހާއި
- ރާއްޖޭގެ އެއާޕޯޓަކުން ބޭރު ގައުމަކަށް ފުރާ ކޮންމެ މީހުންގެ އަތުން ނަގަމުން އަންނަ އެއާޕޯޓު ޑިވެލޮޕްމެންޓް ފީ އާއި ޑިޕާޗާ ޓެކްސް ބޮޑު ކުރުން
މި ތިން ޓެކްސް ބޮޑުކުރަން ސަރުކާރުގެ ފަރާތުން މަސައްކަތް ކުރަމުންދިޔަ ނަމަވެސް ރައްޔިތުންގެ އަތުން އާ ޓެކުހެއް ނުނަގާނެ ކަމުގެ ޔަގީންކަމާއި ރައްޔިތުންނަށް ދަތިވާނެ ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދެއެވެ.



