ކުރީގެ ސަރުކާރުން (އެމްޑީޕީގެ ވެރިކަމުގައި) ހުށަހެޅި ކޮންމެ ސަޕްލިމެންޓަރީ ބަޖެޓަކީ ގާނޫނާ ހިލާފަށް ހުށަހަޅާ ފާސްކުރި ބަޖެޓުތަކެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
”އެކްސް“ މެދުވެރިކޮށް ޝުޖާއު މިއަދު ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ހުށައެޅި ކޮންމެ ސަޕްލިމެންޓަރީ ބަޖެޓަކީ ޤާނޫނާ ހިލާފަށް ހުށައަޅާ ފާސްކުރެވިފައިވާ ބަޖެޓުތަކެއް ކަމަށާއި .ބަޖެޓު ހުށަނޭޅި ލަސްވީ މަޖިލީހުގެ ރިޔާސަތު ބަދަލުވުމުގެ ތަޅާފޮޅުމުގައި ދުވަސްތަކެއް ހޭދަވުމުން ކަމަށް މިއަދު މައިނޯރިޓީ ލީޑަރ ވިދާޅުވި ކަމަށެވެ.
”ތިމާމެންގެ އަމިއްލަ ޕާޓީގެ ތެރޭގައި އުފެދޭ ހިޔާލުތަފާތުވުންތަކަކީ އޭގެ ސަބަބުން ޤާނޫނު މުގުރާލަންޖެހޭ ސަބަބެއް ކަމަށް އަޅުގަނޑުމެން ނުދެކެން“ މެންބަރު ޝުޖާއު ވިދާޅުވިއެވެ.
މީގެއިތުރުން ޝުޖާއު ވިދާޅުވީ މީގެކުރިން ރައްޔިތުން ދެއްވި ސުޕަރ މެޖޯރިޓީގެ ބޭނުން އެމްޑީޕީ އިން ހިފީ ނަހަމަ ގޮތުގައި ކަމަށާއި މާދަމާ އެ ޕާޓީގެ އަސްލު ސޫރަ ކޮމިޓީގެ ބައްދަލު ވުމުން ފެންނާނެ ކަމަށެވެ.
ދައުލަތުގެ ޚަރަދުތައް ފޫބެއްދުމަށް ސަރުކާރުން ވަނީ ސަޕްލިމެންޓަރީ ބަޖެޓެއްގެ ގޮތުގައި 5.1 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ. ބަޖެޓާމެދު ބަހުސް ކުރުމަށް ބޭއްވި މަރުހަލާ ތެރޭގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވަނީ ހުށަހެޅި ބަޖެޓާމެދު ނުރުހުންފާޅުކޮށް ވަރަށް ބޮޑަށް ސަރުކާރަށް ފާޑުކިޔާފައެވެ.



